ލައިފްސްޓައިލް

އާއިލާތަކުގައި "ރަންދަރި"އަކު ހުރޭތަ؟

Nov 14, 2017

މަންމަ އާއި ބައްޕަގެ "ރަންދަރި" އެއް ހުންނަ ކަމަށް ބުނާ މައްސަލައަކީ އެންމެ ގިނައިން "ސިބްލިން" ޒުވާބަށް ދާ އެއް މައްސަލަ އެވެ. ދޮށީ ދަރިފުޅު މި އިލްޒާމު އަޅުވާނީ އަބަދުވެސް ހަގަށް ހުންނަ މީހާގެ ބޮލުގަ އެވެ. ނަމަވެސް އާއިލާގެ އެންމެ ކުޑަ މީހާއަށް ވެގެން ވާ ފައިދާއެއް ނޯންނަ ކަމަށް ބުނެ، ދޮށީ މީހާއަކީ ރަންދަރި ކަމަށް ބުނެ ޝަކުވާ ކުރާ ވަރު މަދެއް ނޫނެ އެވެ. އެހެންވީމާ ރަންދަރިއަކީ ކާކުކަން ވެސް ގިނަ ފަހަރަށް ނޭނގެއެއް ނޫން ހެއްޔެވެ؟ ނޫނީ ހަމަ ހަގީގަތުގައި ވެސް އާއިލާ ތަކުގައި ރަންދަރިއަށް ވާ ދަރިއަކު ހުރޭ ބާވައެވެ؟

މިހެން ހަމަ އަހާއިރަށް މައިންބަފައިން އެއްބަސް ނުވާނެކަން ޔަގީނެވެ. އަބަދުވެސް ބުނާނީ ހުރިހާ ދަރިންދެކެ އެއްވަރަށް ލޯބިވާ ކަމަށެވެ. ނަމަވެސް ދިރާސާއެއްގައި ބުނަނީ ކޮންމެ އާއިލާއެއްގައި ވެސް ރަންދަރިއަކު ހުންނަ ކަމަށެވެ. އެގޮތުން ގިނަ އާއިލާތަކުގައި ރަންދަރިއަކަށް ވަނީ އެންމެ ހަގު މީހާ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ ހަގު ދަރިފުޅަކީ މައިންބަފައިންގެ ރަންދަރިކަން އިހުސާސްވެ އެކަމަށް މައިންބަފައިން އެއްބަސްވާނަމަ މައިންބަފައިންނާއި ހަގު ދަރިއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކަމަށެވެ. އަދި ހަގު ދަރިއަކީ މައިންބަފައިންގެ "ފޭވަރިޓް" ކަން ނޭނގޭނަމަ އޭގެ އިދިކޮޅަށް އެކަން ހިނގާ ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.

ނަމަވެސް ދޮށީ ދަރިފުޅަކީ ރަންދަރި އަށް ވިޔަސް ނުވިޔަސް އެކަމުން މައިންބަފައިންނާއި އޮންނަ ގުޅުމަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް އެ ދިރާސަގައި ވެއެވެ.

ތިން ސަތޭކަ އާއިލާއެއް ބައިވެރިކޮށްގެން ހެދި އެ ދިރާސާގައި ބުނެފައިވަނީ އާއިލާތަކުގައި މައިންބަފައިންނާއި ޖެހޭ މައްސަލައާއި އަދި މައިންބަފައިން އަމަލު ކުރާ ގޮތް ބަލާފައިވާ ކަމަށެވެ.

އެގޮތުން ގިނަ ބެލެނިވެރިން ދެކޭ ގޮތުގައި "ރަންދަރި" ގެ އުސޫލު އާއިލާތެރެއިން ނައްތާލުމަށް ހުރިހާ ކުދިންނަށް ވެސް އެއް އުސޫލަކުން އެއް ހަމައަކުން ކަންތައް ކޮށްދޭން ޖެހެ އެވެ.

ނަމަވެސް ރިސާޗާ ޖެންސެން ވިދާޅުވާ ގޮތުގައި ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖެއްގެ ގޮތުގައި ތަފާތު ކުއްޖަކަށްވާތީ ތަފާތުކޮށް އަމަލު ކުރި ނަމަވެސް ހުރިހާ ދަރިންނަށް އެއް ހަމައަކުން އަމަލު ކުރަން އޭނާ އިރުޝާދު ދެއެވެ.