ހަބަރު

ބެންޗް ސައްހަ ނޫން ކަމަށް ބުނެ ފާރިސް އިތުރު ކަމެއް ފާހަގަނުކުރި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުކުރި އަމުރުގެ އިސްތިއުނާފު މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި އެވެ. މައްސަލާގެ އަޑުއެހުންތައް ނިންމާލި މިއީ ދެވަނަ ފަހަރެވެ.

ސިއްރުކުރިއަށް ގެންދާ މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލާގައި ހުލާސާ ގޮތެއްގައި ކަންކަން ފާހަގަކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އެކަމަށް ދައުލަތަށާއި ފާރިސްއަށް ވަނީ ފުރުސަތުދީފަ އެވެ. އެ ފުރުސަތުގައި ފާރިސްގެ ފަރާތުން އެއްވެސް ހުށަހަޅުމެއް ހުށަހަޅާފައެއް ނުވެ އެވެ.

ފާރިސްގެ ފަރާތުން މިއަދުގެ އަޑުއެހުމުގެ އިތުރު ކަމެއް ހުށަނޭޅީ، ކުރީގެ ބެންޗަށް ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅާފައިވާނެ ކަމާއި މިހާރު މައްސަލަ ބައްލަވާ ބެންޗަކީ ސައްހަ ބެންޗެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފާރިސްގެ ފަރާތުން އަޑުއެހުމުގައި މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ދައުލަތުން އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އިތުރު ހުށަހެޅުމެއް ދައުލަތުން ވެސް ހުށަހަޅާފައެއް ނުވެ އެވެ. މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ވަކި ތާރީހެއް މިއަދު އިއުލާން ކޮށްފައެެއް ނުވެ އެވެ.

ފާރިސް ހައިކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިންމާލިތާ ވަރަށް ގިސް ދުވަސްތަކެއް ވަނީވެފަ އެވެ. މައްސަލާގެ ބެންޗަށް ބަދަލު ގެނައީ ވެސް އަޑުއެހުންތައް ނިންމާލި ފަހުންނެވެ. މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަކަށް ފަނޑިޔާރު ޝުޖާއު އުސްމާނު ހަމަޖެއްސީ އެ މައްސަލަ ކުރިން ބެއްލެވި ރިޔާސަތުގައި އިންނެވި އަލީ ސަމީރުގެ ބަދަލުގަ އެވެ.

ބެންޗުގައި ދެން ތިއްބަވަނީ ކުރިން ވެސް ތިއްބެވި، އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް ބަންދުކުރި މައްސަލާގައި ހުކުމް އިއްވުން ލަސްވެފައިވާއިރު އެ މައްސަލާގައި އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާކޮށް ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފަ އެވެ.