ހަބަރު

ޒިޔަތު ހިޔާނާތްވި ކަމަށް ބުނާ އަދަދު 721 މިލިއަނަށް އަރައިފި

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 30 ދައުވާގައި ހިމެނޭ ފައިސާގެ އަދަދު 721 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

ޒިޔަތުގެ މައްޗަށް އުފުލި 30 ދައުވާގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު 15 ދައުވާއެއް އިއްވައި، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހާމަކުރި މައުލޫމާތަށް ބަލާއިރު، އެ 15 ދައުވާގައި ހިމެނޭ ފައިސާގެ އަދަދު ރުފިޔާއިން 357 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ 23.1 މިލިއަން ޑޮލަރެވެ.

މިއަދު ވެސް ޒިޔަތުގެ މައްޗަށް އުފުލި އަށް ދައުވާގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު އެ އަށް ދައުވާގައި ހިމެނޭ ފައިސާގެ އަދަދު 238 މިލިއަން ރުފިޔާއަށް އަރަ އެވެ.

ޒިޔަތުގެ މައްޗަށް އުފުލި 30 ދައުވާގެ ތެރެއިން ބާކީ އޮތް ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މިރޭ ކުރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިރޭ ޕީޖީގެ ވަކީލުން ހާމަކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، އެ ހަތް ދައުވާގައި ހިމެނޭ ފައިސާގެ އަދަދު 126 މިލިއަން ރުފިޔާ (8.20 ޑޮލަރު)އަށް އަރަ އެވެ.

މިރޭ އިއްވި ހަތް ދައުވާގައިވާ ރަށްތަކާއި ދޫކުރި އަގު:

1- މ. ހުރަސްގަލި، އައިލެންޑް ޗަނަލް ކުންފުންޏަށް 1.8 މިލިއަން ޑޮލަރަށް
2- ރ. ފާރުފުށި، މުހައްމަދު އުމަރު މަނިކު ނަމަކަށް ކިޔާ މީހަކަށް 2.5 މިލިއަން ޑޮލަރަށް
3- މާލެ އަތޮޅު ފަޅެއް، ކޮރަލް ޓްރީ ކުންފުންޏަށް 0.3 މިލިއަން ޑޮލަރަށް
4- ތ. ކަޅުދިޔަފުށި، ހުރަވީ އިންޓަނޭޝަނަލް ކުންފުންޏަށް 0.15 މިލިއަން ޑޮލަރަށް
5- ބ. މިލައިދޫ، ޔުނިވާސަލް އެންޓަޕްރައިސިސް ކުންފުންޏަށް 2 މިލިއަން ޑޮލަރަށް
6- ތ. އޮޅުގިރި، ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް 0.5 މިލިއަން ޑޮލަރަށް
7- އދ. ފުށިދިއްގާ، އެޗްއެމްއެޗްއައި ކޮމްޕެނީ ކުންފުންޏަށް 0.95 މިލިއަން ޑޮލަރަށް

ދައުލަތުގެ ވަކީލް، އަލީ އަބްދުﷲ ވިދާޅުވީ، ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުން ލިބުނު ފައިސާގެ ޗެކްތަކާ ޒިޔަތު ހަވާލުވެފައިވީ ނަމަވެސް އެ ފައިސާ އެމްއެމްޕީއާރްސީއަށް ލިބިފައިނުވާ ކަމަށެވެ. އޭނާގެ މައްޗަށް ހިޔާނަތްތެރިވުމުގެ ދައުވާކުރަނީ އެހެންވެ ކަމަށެވެ.

ޒިޔަތު ވަނީ އެ ހަ ދައުވާއަށް ވެސް އިންކާރުކޮށްފަ އެވެ. ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، ޗެކްތަކާ ޒިޔަތު ހަވާލުވެ ޗެކްތައް ލިބުނު ކަމުގެ ހެއްކެއްގެ ގޮތުން ޕްރޫފް އޮފް ޕޭމަންޓް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ޗެކްތައް ވެސް ހަވާލުކުރި ކަމަށާއި އެ ޗެކްތައް ހަވާލުކުރީ ހިޔާނާތްވުމުގެ ނިޔަތުގަ ނޫން ކަމަށެވެ. އެ ޗެކްތައް ހުންނާނީ ވެސް އެމްއެމްޕީއާރްސީގެ ނަމުގަ ކަމަށެވެ.

ޔާމީން ވިދާޅުވީ، އެ ހުރިހާ ފައިސާއެއް ވެސް އެސްއޯއެފް ކުންފުންޏަށް ޖަމާވެފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރްސީގެ ނަމުގަ ހުރި ޗެކްތަކެއް އެސްއޯއެފް ކުންފުންޏަށް ޖަމާވެފައިވަނީ އެމްއެމްޕީއާރްސީއިން ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާ ބޯޑް އޮފް ރިޒޮލިއުޝަނާ ހިލާފަށް ކަމަށެވެ. އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާތައް އެމްއެމްޕީއާރްސީގެ ގަވައިދުތަކާ ހިލާފަށް ޒިޔަތު ބޭނުންކޮށްފައިނުވާ ކަމަށް ވަކީލް ޔާމީން ވިދާޅުވި އެވެ.

ދައުވާތައް ސާބިތުކުރުމަށް ކޮންމެ ދައުވާއެއްގެ ހިމެނޭ ރަށް ނުވަތަ ފަޅާ ގުޅޭ އެއްބަސްވުންތަކާއި ޗެކްތަކާއި ޗެކް ލިބުނު ކަމުގެ ސްލިޕްތައް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދި، ކޮންމެ ދައުވާއެއް ސާބިތުކުރުމަށް ސިއްރު ހެއްކިން ވެސް ވަނީ ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ އަށް މައްސަލައަކީ ވެސް މަދަނީ މިންގަނޑުން ޝަރީއަތް ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ކަމަށް ކަނޑައަޅާފަ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެ ގާނޫނުގައިވާ ގޮތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކެއް ހުރިތޯ ގާޒީ ވަނީ އައްސަވާފަ އެވެ. ޒިޔަތާއި ދައުލަތުން ވެސް އަށް މައްސަލާގައި ވެސް ޝަރީއަތް ފެށުމުގެ ކަންކަން ހުށަހަޅަން ހުރުމުން ޝަރީއަތުން ވަނީ އެކަމަށް މަސް ދުވަސް ދީފަ އެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި ޖަވާބުދާރީވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

ޒިޔަތު ވަނީ ހޮނިހިރު ދުވަހާއި މިއަދު އިއްވި ހުރިހާ ދައުވާތަކަށް ވެސް އިންކާރުކޮށްފަ އެވެ. ހިޔާނާތުގެ ދައުވާއެއް ސާބިތުވެ މިހާރު ވެސް ޒިޔަތު ގެންދަވަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ ގިނަ ދައުވާތަކެއް އުފުލާފަ އެވެ.