ވިޔަފާރި

ޖީއެމްއާރުން އެއާޕޯޓުގައި އެޅި 40 ޓަނުގެ ކޮންކްރީޓް ބުޑުތައް ސިފައިން "ކުދިކުދި ކޮށްލަނީ"

Apr 28, 2015
1

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ޖީއެމްއާރުން އާ ޓާމިނަލް އަޅަން ހަދާފައިވާ 40 ޓަނުގެ ކޮންކްރީޓް ބުޑުތައް "ކުދިކުދި ކޮށްލުމުގައި" ދިވެހި ސިފައިން ހަރަކާތްތެރިވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ ގޮތުން ބައެއް އިމާރާތްތައް ބަދަލު ކުރުމުގެ މަސައްކަތް އެމްސީއެލް އިން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މި މަސައްކަތް ހަވާލުކުރުމާ އެކު އެ ކުންފުނިން މިހާރު ދަނީ ޓާމިނަލް ސަރަހައްދުގައި ހުރި އިމާރާތްތައް ބަދަލު ކުރަމުންނެވެ.

އެމްޓީސީސީގެ ސީއީއޯ އަބްދު ރައްޒާގު ހަލީމް ވިދާޅުވީ އާ ޓާމިނަލް ހެދުމަށްޓަކައި ޖީއެމްއާރުން އެއާޕޯޓުގައި ޓާމިނަލް ހެދުމަށް އަޅާފައިވާ ކޮންކްރީޓް ބުޑުތައް ނެގުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތްކުރާނީ ދިވެހި ސިފައިންނާއި ގުޅިގެން ކަމަށް ހަލީމް ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވިދާޅުވީ އެމްޓީސީސީ އަށް ހަވާލުކުރި މި މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި، މި މަސަކަތްކުރާނީ އެހެން ކުންފުނިތަކުގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން 12 އިމާރާތެއް އަލުން އިމާރާތްކުރާނެ. މީގެ އިތުރުން ފަސް އިމާރާތެއް ރެނޮވޭޓް ކުރާނެ. މީގެ އިތުރުން މަގުތައް ވެސް ހަދާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ޓާމިނަލްގެ އިމާރާތްތައް ބަދަލުކުރާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އެ ކުންފުނިން ގާއިމް ކުރާނެ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެހެންވެ ވަރަށް ބޮޑަށް ވިސްނާފައި މި ކުރިއަށް ގެންދާނެ ގޮތް ވަނީ ނިންމާފައި. އެމްޓީސީސީއަކީ ރާއްޖޭގައި އޮތް އެންމެބޮޑު ކޮންސްޓްރަކްޝަން ކުންފުނި. އަޅުގަނޑުމެން ވާނީ އެކަން ސާބިތުކޮށްދީފަ. ސުނާމީ 87 ގެ ވާނީ މަހެއްހާ ދުވަހުން ނިންމާފަ،" ހަލީމް ވިދާޅުވި އެވެ.