ވިޔަފާރި

ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން 234 މިލިއަން ރުފިޔާ ހިމަނައިފި

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް 234 މިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މުސާރަ ބޮޑުކުރުމުގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ސިވިލް ސާވަންޓުންނަށް 1،000 ފްލެޓް ހަމަޖެހިގެންދާނެ ކަމަށެވެ.

ސަރުކާރު މުވައްޒަފުންގެ ގޮތުގައި ގާތްގަނޑަކަށް 23،000 މުވައްޒަފުން މަސައްކަތް ކުރާ މިއީ އެންމެ މުސާރަ ކުޑަ އެއް ދާއިރާއެވެ. އަދި ނިސްބަތުން މުސާރައިގެ ބޮޑު ފަރަގެއް ވެސް އޮވެ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އާދައިގެ މީހަކަށް މަހަކު 5،000ރ. ނުލިބެ އެވެ. އެންމެ ކުޑަވެގެން 10،000ރ. ގެ މުސާރައެއް ވެސް ގެއަށް ގެންދަން ލިބެނީ ޑިގްރީ ފުރިހަމަކޮށްފައި ތިބޭ މުވައްޒަފުންނަށެވެ. މިކަމުގެ ސަބަބުން ސަރުކާރު މުވައްޒަފުން ޝަކުވާ ވަނީ ބޮޑުވެފަ އެވެ.