ވިޔަފާރި

ބޮޑު 20 ފަޅެއް ހިއްކައި ކުއްޔަށް ދޫކޮށްލަނީ

ވިޔަފާރީގެ ބޭނުމަށް އަންނަ އަހަރު ބޮޑު 20 ފަޅު ހިއްކަން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ސަރުކާރުން ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، ވިޔަފާރީގެ ބޭނުމަށް އަންނަ އަހަރު 10 ހެކްޓަރަށްވުރެ ބޮޑު، 20 ފަޅު ހިއްކުމަށް 107 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ބަޖެޓު ފޮތުގައިވާ ގޮތުން، 20 ފަޅު ހިއްކުމުގެ އިތުރުން ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމާއެކު، ނުވަ މަޝްރޫއަށް ހަތް ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އެއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ 3.7 ބިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީ އާއި ޓްރަސްޓް ފަންޑުތަކުން ލިބޭނެ 4.3 މިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި އަންނަ އަހަރު ހިންގުމަށް ހުށަހަޅާފައިވާ 522 މަޝްރޫއުގެ ތެރޭގައި މިހާރު ވެސް ހިންގަމުން ގެންދާ 430 މަޝްރޫއެއް ވެސް ހިމެނެ އެވެ. މިހާރު ހިންގަމުންދާ މަޝްރޫއުތަކަށް 5.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން މުޅިން އަލަށް ފަށާނެ 93 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޕީއެސްއައިޕީގެ ބޮޑެތި ބައެއް މަޝްރޫއުތައް:

* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ރަންވޭ އަޅަން: އެއް ބިލިއަން ރުފިޔާ
* ހަތަރު ރަށުގައި އެއާޕޯޓު އަޅަން: 246 މިލިއަން ރުފިޔާ (ބިން ހިއްކުން، އެއާޕޯޓް އެޅުން، ހދ. ކުޅުދުއްފުށްޓާއި ށ.ފުނަދޫ އަދި ފ.ނިލަންދޫގެ ގދ. މާވަރުލު)
* ޗައިނާ- މޯލްޑިވްސް ބްރިޖަށް: 213 މިލިއަން ރުފިޔާ
* ފެނާއި ކުނި ނައްތާލަން 134 މިލިއަން ރުފިޔާ
* 20 ފަޅު ހިއްކަން: 107 މިލިއަން ރުފިޔާ
* ހުޅުމާލެ ތަރައްގީ ކުރަން: 246 މިލިއަން ރުފިޔާ
* އިޖުތިމާއި ބޯހިޔާވަހިކަމަށް: 463 މިލިއަން ރުފިޔާ
* 25 ބުރީގެ ހޮސްޕިޓަލަށް: 447 މިލިއަން ރުފިޔާ

އިތުރު ފަޅުތަކެއް ހިއްކުމަށް އަންނަ އަހަރަށް ހުށަހެޅިއިރު، މި އަހަރު ވެސް ފަޅުތައް ހިއްކުމުގެ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން މާލެ އަތޮޅުގައި އެކަނިވެސް ތިން ފަޅެއް ހިއްކައިގެން ރިސޯޓުތައް ދަނީ ތަރައްގީ ކުރަމުންނެވެ. މި ފަޅުތަކުގެ ތެރޭގައި ހިމެނެނީ ރަށްފަޅު ހިއްކައިގެން ހިންގާ ޓޫރިޒަމް މަޝްރޫއަކާއި މާލެ ކައިރީގައި އޮންނަ އެނބޫދޫ ފަޅު ހިއްކައިގެން ހިންގާ މަޝްރޫއެކެވެ.

މާލެ އަތޮޅުގައި އެކަނި ވެސް ކުރިއަށް ގެންދާ މި މަޝްރޫއުތަކުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.