ވިޔަފާރި

ވީއައިއޭގެ ތަރައްގީއަށް ހަ އިދާރާއަކުން ލޯނު ނަގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރަން، ސަރުކާރުން ބޭރުގެ މާލީ ހަ އިދާރާއަކުން ލޯނު ނަގާފައިވާ ކަމަށް ބަޖެޓުން ހާމަ ވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައިވާ ގޮތުން، ވީއައިއޭ ތަރައްގީ ކުރުމަށް ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރޭގައި ޗައިނާގެ އެގްޒިމް ބޭންކާއި އަބޫ ދާބީ ފަންޑު އަދި ކުވެއިތު ފަންޑާއި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް (އޮފިޑު) ގެ އިތުރުން ސައޫދީ ފަންޑު ހިމެނެ އެވެ.

އެއާޕޯޓް ތަރައްގީ ކުރަން ލޯނު ނަގާފައިވާ، މާލީ އިދާރާތަން ނަގާފައިވާ އަދަދުތަކުގެ ތެރޭގައި، އަބޫ ދާބީ ފަންޑުން ނެގި 40 މިލިއަން ޑޮލަރު (614 މިލިއަން ރުފިޔާ) އާއި އޮފިޑުން ދެ ފަހަރެއްގެ މަތިން ނެގި، 50 މިލިއަން ޑޮލަރު (768 މިލިއަން ރުފިޔާ) ގެ އިތުރުން، ޓާމިނަލްގެ މަސައްކަތަށް ސައުދީ ފަންޑުން ނެގި، 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އޮފިޑުން ނެގި، 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. އަދި ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ޔޫއޭއީއަށް ކުރެއްވި ދަތުރު ފުޅުގައި ވެސް ވަނީ ލޯނު އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.

އެއާޕޯޓްގެ އުސްއަލިތައް

- އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
- ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
- އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
- އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
- އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
- ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9
- 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ޒަމާނީ ބެގޭޖް ސްކްރީނިން ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.