ވިޔަފާރި

އަނަންތާރާ ކިހަވަށް ހިންގާ ރަށް އެމްޓީޑީސީ އިން ވިއްކާލަނީ

  • މައިނާ އިންޓަނޭޝަނަލްއަށް ކުއްޔަށް ދިނީ 2007ގައި
  • ގަންނަ ބަޔަކަށް އިތުރު 25 އަހަރަށް ރަށް ލިބޭނެ
  • މިދިޔަ އަހަރުވެސް 23 މިލިއަން ޑޮލަރަށް ރަށެއް ވިއްކި

"އަނަންތަރަ ކިހަވަށް ރިސޯޓް" ހަދާފައިވާ އެމްޓީޑީސީގެ ރަށް، ބ. ކިހަވަށް ހުރަވަޅި ވިއްކާލަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

އެ ރަށުގެ މިލްކްވެރިކަން ވިއްކާލަން އެ ކުންފުނިން މި މަހުގެ 16 ވަނަ ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި، 172 އެނދުގެ ރިސޯޓެއް ހަދާފައިވާ އެ ރަށް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 26 ވަނަ ދުވަހު މައުލޫމާތު ސެޝަންއެއް ބާއްވާނެ އެވެ. އަދި ބިޑްތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މެންދުރު 2:00 ގައި އެމްޓީޑީސީގަ އެވެ.

އެމްޓީޑީސީ އިން 2007ގެ އޮކްޓޯމްބަރު މަހު ރިސޯޓެއް ތަރައްގީ ކުރަން ސަބްލީސް އެގްރިމަންޓެއްގެ ދަށުން 25 އަހަރަށް އެ ރަށް ކުއްޔަށް ދިނީ "މައިނާ އިންޓަނޭޝަނަލް ލަބުއާން ލިމިޓެޑް" އަށެވެ. އަދި އެ ރަށުގައި ރިސޯޓް ތަރައްގީކޮށް ޑިސެމްބަރު 2010 އަކުން ފެށިގެން އަނަންތަރަ ގްރޫޕުން އަންނަނީ އެ ރަށުގައި ރިސޯޓް ހިންގަމުން އެވެ. އެމްޓީޑީސީއިން ބުނީ އެ ރަށް ގަންނަ ކުންފުންޏަކަށް އެ ރަށުގެ ލީސް އެގްރިމަންޓް އިތުރު 25 އަހަރަށް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެ ރިސޯޓްގެ ބިޑިން ޑޮކިއުމަންޓް ވިއްކަނީ 10،000 ޑޮލަރުގެ ފީއަކަށެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ބިޑެވެ.

އެ ރަށުގެ މިލްކްވެރިކަން ވިއްކާލަން އިއުލާން ކުރި އިރު، މިދިޔަ އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ "ޕާ އެކުއަމް ނިޔާމަ" ރިސޯޓް ހަދާފައިވާ، އެ ކުންފުނީގެ ރަށް، ދ. އެނބޫދޫފުށި-އޮޅުވެލި، އެ ރަުގައި ރިސޯޓް އޮޕަރޭޓް ކުރަމުން ދިޔަ ކުންފުންޏަށް 23.3 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ. އެ ރަށް ވެސް ވިއްކާލީ ބިޑަށް ލައިގެން އެވެ.

އެމްޓީޑީސީ އިން ބުނެފައިވާ ގޮތުގައި ރިސޯޓް ހިންގަމުންދާ ރަށްތައް އެކުންފުނިން ވިއްކާލަނީ ކުންފުންޏަށް ރިސޯޓް ހަދަން ހަވާލުކޮށްފައިވާ އެހެން ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހިފައި ހުރި ފައިސާތައް މިއަހަރު ތެރޭ ދެއްކުމަށް ސަރުކާރުން އަންގާފައި ވާތީ އެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ މާލީ ހާލަތަށް އަސަރުކޮށްފައިވެ އެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ބޯޑުން ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ އެ ކުންފުނިން އަމިއްލައަށް ރިސޯޓް ހަދައިގެން ހިންގުން ކަމަށެވެ.