ވިޔަފާރި

ކިހަވައް-ހުރަވަޅި ވިއްކާލައިގެން ފައިދާ ބަހަނީ

  • ބޭނުމަކީ ހިއްސާދާރުންނަށް ފައިދާ ބެހުން
  • ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކާނެ
  • އުންމީދަކީ އެކަށީގެންވާ އަގެއް ލިބުން

އަނަންތާރާ ރިސޯޓް ހިންގާ، ކިހަވައް-ހުރަވަޅީގެ ކުލީގެ މިލްކުވެރިކަން ވިއްކާލުމުގެ އެއް ބޭނުމަކީ ހިއްސާދާރުންނަށް ފައިދާ ބެހުން ކަމަށް، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޝުޖާއު ވިދާޅުވީ މައިނާ އިންޓަނޭޝަނަލް އަށް 2007 ގައި ކުއްޔަން ދީފައިވާ ބ. ހުރަވަޅި ކިހަވައް ވިއްކާލުމުގައި ގިނަ ކަންތައްތަކަށް ބަލާފައިވާނެ ކަމަށެވެ.

"އެއް ބޭނުމެއް ހިއްސާދާރުނަށް ފައިދާ ބެހުމަކީ. މިރަށް ރަނގަޅު އަގެއްގައި ވިއްކިއްޖެނަމަ ހިއްސާދާރުންނަށް ފައިދާ ލިބޭނެ،" ޝުޖާއު ވިދާޅުވި އެވެ.

ތައިލެންޑްގެ މައިނާ ގްޕޫރަށް ކުއްޔަށް ދީފައިވާ މި ރަށް ވިއްކާލަން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން މި މަހުގެ 16 ވަނަ ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި، 172 އެނދުގެ ރިސޯޓެއް ހަދާފައިވާ އެ ރަށް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 26 ވަނަ ދުވަހު މައުލޫމާތު ސެޝަންއެއް ބާއްވާނެ އެވެ. އަދި ބިޑްތައް ހުޅުވުން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު މެންދުރު 2:00 ގައި އެމްޓީޑީސީގަ އެވެ. އެ ރިސޯޓްގެ ބިޑިން ޑޮކިއުމަންޓް ވިއްކަނީ 10،000 ޑޮލަރުގެ ފީއަކަށެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ބިޑެވެ.

އެމްޑީ ޝުޖާއު ވިދާޅުވީ ރަށް ކުއްޔަށް ދީފައިވާ މުއްދަތު 2031 ގައި ހަމަވާއިރު، ވިއްކާލުމުގައި މި މުއްދަތުގައި ލިބޭނެ ކުއްޔާއި ވިއްކާލުމުން ލިބޭނެ ފައިދާއަށްވެސް ބެލި ކަމަށެވެ.

އެމްޓީޑީސީއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެކުންފުނީ"ގެ އެހެން ރަށެއް ކަމަށްވާ، "ޕާ އެކުއަމް ނިޔާމަ" ރިސޯޓް ހަދާފައިވާ ދ. އެނބޫދޫފުށި-އޮޅުވެލި، ވެސް ވިއްކާލާފަ އެވެ. އެ ރަށް އޮޕަރޭޓް ކުރަމުން ދިޔަ ކުންފުންޏަށް ވިއްކައިލީ، 23.3 މިލިއަން ޑޮލަރަށެވެ. އެ ރަށް ވެސް ވިއްކާލީ ބިޑަށް ލައިގެން އެވެ. އެމްޓީޑީސީ އިން ބުނެފައިވާ ގޮތުގައި ރިސޯޓް ހިންގަމުންދާ ރަށްތައް އެ ކުންފުނިން ވިއްކާލަނީ ކުންފުންޏަށް ރިސޯޓް ހަދަން ހަވާލުކޮށްފައިވާ އެހެން ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހިފައި ހުރި ފައިސާތައް މި އަހަރު ތެރޭ ދެއްކުމަށް ސަރުކާރުން އަންގާފައި ވާތީ އެވެ. އެކަމާ ގުޅިގެން އެ ކުންފުނީގެ މާލީ ހާލަތަށް އަސަރުކޮށްފައިވެ އެވެ. އެހެން ނަމަވެސް އެ ކުންފުނީގެ ބޯޑުން ބުނެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ އެ ކުންފުނިން އަމިއްލަ އަށް ރިސޯޓް ހަދައިގެން ހިންގުން ކަމަށެވެ.

ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން އުފައްދާފައިވާ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.