ވިޔަފާރި

އިންޑިޔާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެއްޖެ

Apr 29, 2015

އަވަށްޓެރި އިންޑިޔާ އިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި އިންޑިޔާ މިހާރު ހިމެނިފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ހަތް ގައުމުގެ ތެރޭގަ އެވެ. މިދިޔަ މަހު އެކަނި ވެސް އިންޑިޔާ އިން 3،654 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރުގެ މާޗުމަހު އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރި 3،080 ޓޫރިސްޓުންނާ އަޅާ ބަލާއިރު 18.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އިންޑިޔާ އިން 11،811 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރި 10،102 ޓޫރިސްޓުންނާ އަޅާ ބަލާއިރު ގާތްގަނޑަކަށް 16.9 ޕަސެންޓުގެ އިތުރުވުމެކެވެ.

އިންޑިޔާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް އިންޑަސްޓްރީ އަދި ގައުމީ އެއާލައިން ގުޅިގެން މި އަހަރު ފެށުނު ފަހުން ވަނީ އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި ރޯޑު ޝޯވްތަކެއް ވެސް ބާއްވާފަ އެވެ. މި ރޯޑު ޝޯވްތައް ބޭއްވި ބޮޑެތި ސިޓީތަކުގެ ތެރޭގައި ބެންގަލޫރާއި ޗެންނާއީ އަދި ވެރިރަށް ދިއްލީ އާއި ވިޔަފާރީގެ މައިރަށް މުންބާއީ ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރުސީން ވަނީ މި އަހަރުގެ ނިޔަލަށް އިންޑިޔާ އިން ބައިލައްކަ ޓޫރިސްޓުން ގެނައުމުގެ އަމާޒެއް ކަނޑައަޅާފަ އެވެ. މިދިޔަ އަހަރު އެ ގައުމުން 45،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.