ހަބަރު

އިދިކޮޅުގެ ވޯޓާނުލާ 27.9 ބިލިއަންގެ ބަޖެޓް ކޮމިޓީއިން ފާސްކޮށްފި

Nov 20, 2017
12
  • ބަޖެޓަށް ވޯޓްދިނީ ސަރުކާރުގެ 12 އެމްޕީއިން
  • ބަދަލުގެނައީ ޕީއެސްއައިޕީގެ އެންމެ މަޝްރޫއަކަށް
  • ތިން ރޮކެމެންޑޭޝަނެއް ބަޖެޓާ އެކު ފާސްކުރި

ފިނޭންންސް މިނިސްޓްރީ އިން ފޮނުވި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފޮނުވި ގޮތަށް ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީ އިން ދެންމެ ފާސްކޮށްފި އެވެ.

އެ ބަޖެޓް ފާސްކުރީ އިދިކޮޅު މެންބަރުން ބަޖެޓަށް ބަހުސް ކުރަން އެކަށީގެންވާ ވަގުތު ނުދޭކަމަށް ބުނެ އިދިކޮޅު މެންބަރުން ބަޖެޓް ކޮމިޓީ ބޮޔެކޮޓްކޮށްފައި ވަނިކޮށެވެ. އެހެން ކަމުން ބަޖެޓް ފާސްކުރަން ވޯޓް ދިނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭއަށް ނިސްބަތްވާ މެންބަރުން އެކަންޏެވެ. އެއީ 12 މެންބަރުން އެވެ.

ބަޖެޓް ފާސްކުރީ ޕީއެސްއައިޕީގެ އެއް މަޝްރޫއަށް ގެނައި ބަދަލަކާ އެކު އެވެ. އެއީ ކާށިދޫގައި 300 މީހުންގެ ޖަލެއް އަޅަން ބަޖެޓްކޮށްފައިވާ ފައިސާ ހަމަ އެ އަދަދަށް ކ. ހުރާގެ ބިން ހިއްކުމަށް ހޭދަކުރާ ގޮތަށެވެ. އިތުރު ބަދަލެއް ބަޖެޓަށް ގެނެސްފައެއް ނުވެ އެވެ.

މީގެ އިތުރަށް ބަޖެޓާ އެކު ކޮމިޓީގެ ލަފާތަކެއް ހިމަނަން ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ރެކޮމެންޑޭޝަންއަކީ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓް ހިއްސާ ދިވެހި ސަރުކާރަށް އަނބުރާ ގަތުމެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ނޫނީ ދިވެހިންގެ ކުންފުނިތަކަށް އިސްކަން ދިނުމާއި މިނިވަން މުއައްސަސާތަކަށް ބަޖެޓް ދަތިވާ ނަމަ ފިނޭންސްގެ ހާއްސަ ބަޖެޓުން އެ ފައިސާ ހަމަޖެއްސުމެވެ.

ބަޖެޓް ކޮމިޓީ ނިންމާލައްވަމުން ނިހާން ވިދާޅުވީ މިފަހަރުގެ ބަޖެޓަށް ބަދަލުތަކެއް ނުގެނެވުނު ނަމަވެސް، ދަތިވާ ދާއިރާތަކަށް ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް ބަޖެޓް ރިޕޯޓް އެކުލަވާލާ މެންބަރުންގެ ހިޔާލަށް ތަޅުމަށް ފޮނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ބަޖެޓް ދިރާސާއަށް އޮޑިޓާ ޖެނެރަލް އާއި އެމްއެމްއޭގެ ގަވަރުނަރު މިފަހަރު ހާޒިރުކޮށްފައެއް ނުވެ އެވެ. އެކަމާ މެދު އިދިކޮޅު މެންބަރުން ނުރުހުން ފާޅުކޮށް ކޮމިޓީ ވަނީ ބޮއިކޮޓްކޮށްފަ އެވެ.