ހަބަރު

ނަޝީދު އަވަހާރަކޮށްލަން ބޮޑީގާޑުންނަށް ދީނީ ލަފައެއް ދިން ކަމަށް އިމްރާން ވިދާޅުވި: ޝާހިދު

Apr 28, 2015
2

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އެމަނިކުފާނުގެ ބޮޑީ ގާޑުންނަށް ދީނީ ގޮތުން ވިސްނައިދީފައިވާނެ ކަމަށް އަދާލަތު ޕާޓީގެ އިމްރާން އަބްދުﷲ ވިދާޅުވި ކަމަށް، ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވެއްޖެ އެވެ.

އިސްމެހެލާހެރަ މަޝްރޫއު ފެށުމަށް ހޮޓަލް ޖެންގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއް ނިންމާލުމަށް ފަހު ސަންދާނު އަހަންމައިދީ އާއި އިމްރާނާ އެކު އެއްރޭ އައިޖީއެމްއެޗް ކެންޓީނަށް ސައިބޯން ދިޔަ ކަމަށެވެ. އަދި ކުރާ މުޒާހަރާތަކުން ނަތީޖާއެއް ނުފެންނަ ވާހަކަ ދެއްކުމުން، އިމްރާން ވިދާޅުވި ކަމަށް ޝާޑް ވިދާޅުވީ، ނަޝީދުގެ ހަށިފާރަވެރިންނަށް އެމަނިކުފާނު އަވަހާރަކޮށްލުމަށް ދީނީ ރައުޔެއް އަރުވާފައިވާނެ ކަމަށާއި އެކަމަށް ދެން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ދެންނެވި ކަމަށެވެ.

"އަޅުގަނޑުގެ މުޅި ގައިން އެވަގުތު ހީބިހި ނަގައިގެން ދިޔަ. މިހުރީ މިބޭފުޅާ ރާވާފައި ހުރި ރޭވުން. އެ ހިސާބުން ވާ ސަލާން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު މުޒާހަރާ ކުރީ ސަރުކާރުން އަސްލުވެސް ނުބައިކޮށް ކަންތައްތަކެއް ކުރާތީ އެކަމާ ދެކޮޅަށް ކަމަށެވެ. އަދި އޭރު ކުރީ ސުލްހަވެރި މުޒާހަރާތަކެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިހާރު ކުރަނީ އެއްވެސް އަސްލެއް ނެތް ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫ ތަރައްގީ އަންނާނެ ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ނަރުދަމާގެ މަޝްރޫއު ވެސް ކުރިއަށް ދާ ކަމަށާއި ސާފު ބޯފެނުގެ މަޝްރޫއު ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މަސް ފެކްޓްރީގެ މަސައްކަތް ވެސް ލަސްނުވެ ފެށޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ހުޅުދޫ މީދޫއަށް ވެސް ތަރައްގީ އަންނާނެ. ރައީސް ވަރަށް ކައިރިން އަޅުގަނޑުމެންގެ ދާއިރާތައް ތަރައްގީ ކުރުމަށް ބަދަހި ކަމާ އެކު މި ޓީމް މި މަސައްކަތް ކުރައްވަނީ،" ޝާހިދު ވިދާޅުވި އެވެ.