ހަބަރު

އަންނަ އަހަރު އިތުރަށް ފައިސާ ޗާޕްކުރަން ޖެހޭނެ: ޝަރީފް

އިތުރަށް އާމްދަނީ ހޯދުމަށް ބަޖެޓްގައި ހިމަނާފައިވާ ކަންކަން މަޖިލީހުގެ ތެރެއިން ފާސްނުވުމުގެ ސަބަބުން ބަޖެޓް ތަންފީޒު ކުރުމަށް އަންނަ އަހަރުގެ ތެރޭގައި އިތުރަށް ފައިސާ ޖަހަން ޖެހޭ ހިސާބަށް ހިނގައިދާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޓެކްސްގެ ބައެއް ގާނޫނުތަކަށް ބަދަލު ގެނެސްގެން އާމްދަނީ އިތުރުކުރަން ހިމަނާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަންކަން ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދަށް މަޖިލީހުގެ ތެރެއިން ސަރުކާރަށް އަގުލަބިއްޔަތެއް ނުލިބޭނެ ކަމަށެވެ. އެހެން ކަމުން އާމްދަނީ އިތުރު ނުކުރެވިއްޖެ ނަމަ ބަޖެޓް ތަންފީޒު ކުރަން ސަރުކާރަށް ގޮތްހުސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހިސާބުން ދެން ސަރުކާރުން ޖެހޭނީ އިތުރަށް ފައިސާ ޗާޕް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހި ދައުލަތުން މިހާރު ފާސް ކުރަން ހުށަހަޅާފައި އޮތް އެއްވެސް ގާނޫނެއް ފާސް ކުރުމުގެ ޖާގައެއް ނުލިބޭނެ. ގާނޫނީ އަދަދެއް ހަމައެއް ނުކުރެވޭނެ. ޖީއެސްޓީއެއް ވެސް އިތުރެއް ނުކުރެވޭނެ. ތްރެޝޯލްޑް ވެސް ދަށެއް ނުކުރެވޭނެ. ބީޕީޓީއަކަށް ވެސް ބަދަލެއް ނުގެނެވޭނެ. އިތުރަށް ފައިސާ ނުޖަހާ ދެން ކުރިއަށް ދެވޭނެ އެއްގޮތެއް ވެސް ސަރުކާރަކަށް ނޯންނާނެ. ދެން ޖެހޭނީ އިތުރަށް ފައިސާ ޗާޕްކުރަން،" ޝަރީފް ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުގައި ޓެކްސް ބިލް ފަދަ ސީދާ ރައްޔިތުންނާ ގުޅުން ހުރި ބިލްތައް ފާސްކުރަން، މަޖިލީހުގައި ދެ ބައިކުޅައެއްބައި މެންބަރުން ހާޒިރުވެ ތިބެން ޖެހެ އެވެ. އެހެން ވެއްޖެ ނަމަ، މަޖިލީހުގެ މިހާރުގެ މެންބަރުންގެ އަދަދަށް ބަލާއިރު 43 މެންބަރުން ހަމަކުރެވެން އަންނަނީ އިދިކޮޅު މެންބަރުންނާ އެކު އެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ކަމެއްވެސް މަޖިލީހުގެ ތެރެއިން ވެސް ގަދަ ބާރުން ކުރުމަށެވެ. އަދި ކަންކަން ރީތިކޮށް ގެންދަން އުޅުނު ނަމަވެސް ގޮށްމުށުގެ ބާރު ބޭނުން ކޮށްގެން މަޖިލީހުގެ ތެރޭގައި އިދިކޮޅު މެންބަރުންގެ އަޑު ކަނޑުވާލަމުން ދާކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ކަންކަން ކުރާ ނަމަ ސަރުކާރަށް ހާސިލްވާނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. ޝަރީފް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ގަވަރުނަރާއި އޮޑިޓާ ޖެނެރަލް މަޖިލީހަށް ގެނެސް ބަޖެޓާ ބެހޭ ގޮތުން ސުވާލު ކުރެ އެވެ. އެހެން ނަމަވެސް މިފަހަރު އެބޭފުޅުން މަަޖިލީހަށް ހާޒިރުނުކުރުމަކީ ބޮޑު ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޮޅުންފިލުވަން ބޭނުންވީ މި ބަޖެޓްގެ ސަބަބުން އިންފްލޭޝަނަށް، ބޭރު ފައިސާގެ ރިޒާވަށް ކޮށްފާނެ އަސަރާއި އިގްތިސާދަށް އަންނާނެ ބަދަލުތަކުގެ ތަފްސީލެއް ހޯދަން. އެހެން ކަމެއް މިތަނުގައި އަޅުގަނޑުމެން ކުރާކަށް ނޫޅެން. އެކަމަކު އެކަމަށް ވެސް ފުރުސަތެއް ނުދެއްވި. އިދިކޮޅު މެންބަރުންނަށް ވަގުތު ދޭންވެސް މިތަނުގައި އެތައް ވަގުތެއް ބޭކާރުމިކޮށްލީ. މިއީ ކޮން އިންސާފެއްތޯ؟،" ޝަރީފް ސުވާލު ކުރެއްވި އެވެ.

އޭނާ އަދި ވިދާޅުވީ މީގެ ކުރިން އޭނާއަކީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރާ މެންބަރެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ބަޖެޓް ކޮމިޓީގައި ކަންކަން ދިޔަގޮތުން ދެން ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ރިޔާސަތު ކައިރިއަށް ގޮސް އިހުތިޖާޖު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އިދިކޮޅު އިހުތިޖާޖުގެ ތެރެއިން ތަފާތު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.