ހަބަރު

ބަޖެޓް ފާސް ކުރުން މާދަމާއަށް ތާވަލުކޮށްފި

ފިނޭންންސް މިނިސްޓްރީ އިން އަންނަ އަހަރަށް ލަފާކޮށްފައި ފޮނުވި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސް ކުރަން ބާއްވާ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައި ހަމައެކަނި އޮތީ ބަޖެޓު ކޮމެޓީން ދިރާސާކޮށް ފާސކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމާއި އެއަށް ވޯޓަށް އެހުމެވެ. މާދަމާގެ އެ ޖަލްސާގައ ބަޖެޓާ މެދު ބަހުސް ކުރަން ކޮންމެ މެންބަރަކަށް ވެސް ލިބި ވަޑައިގަންނަވަނީ ހަތް މިނެޓުގެ ވަގުތެކެވެ.

ބަޖެޓު ފާސް ކުރަން މާދަމާއަށް އެޖެންޑާކޮށްފައިވާ އިރު ކޮމިޓީގައި ބަޖެޓު ފާސް ކުރީ ހަމައެކަނި ސަރުކާރު މެންބަރުންގެ ތާއީދާއެކުގަ އެވެ. ކޮމިޓީން ފާސް ކުރިއިރު ބަޖެޓުގެ އަދަދަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. ކޮމިޓީ މަރުހަލާއިން ގެނައި ހަމައެކަނި ބަދަލަކީ ކާށިދޫގައި 300 މީހުންގެ ޖަލެއް އަޅަން ބަޖެޓްކޮށްފައިވާ ފައިސާ ހަމަ އެ އަދަދަށް ކ. ހުރާގެ ބިން ހިއްކުމަށް ހޭދަކުރާ ގޮތަށް ބަދަލު ކުރުމެވެ. އިތުރު އެއްވެސް ބަދަލެއް ނުގެނެ އެވެ.

ނަމަވެސް ކޮމިޓީއަށް އެމްއެމްއޭގެ ގަވަނަރާއި އޮޑިޓާ ޖެނަރަލް ހާޒިރު ނުކުރުމާއި ވާހަކަ ދައްކަން އެކަށީގެންވާ ފުރުސަތު ނުދިން މައްސަލާގައި އިދިކޮޅު ޕާޓީތަކުން ހިތްހަމަ ނުޖެހިގެން ވަނީ ކޮމިޓީ ބޮއިކޮޓްކޮށްފަ އެވެ. އޭގެ އިތުރުން ބަޖެޓަކީ ހާސިލް ކުރެވޭނެ އެއްޗެއް ނޫން ކަމަަށް ވިދާޅުވެ ތަޅުމުގައި ވެސް ވޯޓު ނުދޭން އިދިކޮޅު ޕާޓީތަކުން ވަނީ ނިންމައިފަ އެވެ.

އަންނަ އަހަރުގެ 56 ޕަސެންޓް ހާއްސަކޮށްފައިވަނީ، ރިޔަރަންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދަކީ 16.1 ބިލިއަން ރުފިޔާ އެވެ. އެއީ މުސާރަ އާއި ޕެންޝަނަށެވެ. އަދި 23 ޕަސެންޓް ހޭދަ ކުރާނީ އާއްމު ހިދުމަތް ފޯރު ކޮށްދޭނެވެ. އަދި ރިކަރަންޓް ހަރަދުގެ ނުވަ ޕަސެންޓް ހޭދަކުރާނީ ލޯނު ދައްކާށެވެ. ސަބްސިޑީ އަށް ހަރަދު ކުރާނީ 12 ޕަސެންޓެވެ. ބަޖެޓުގެ 43 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދު ތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 59 ޕަސެންޓް ހަރަދު ހިމެނެނީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި އަހަރުގެ ރާއްޖޭގެ އިންފްލޭޝަން ހުރި 3.4 ޕަސެންޓުގައި ކަމަށެވެ. އަދި އަންނަ އަހަރު އެވްރެޖުކޮށް ހުންނާނީ 3.1 ޕަސެންޓުގައި ކަމަށެވެ. އަންނަ އަހަރު ނިމޭއިރު ޖީޑީޕީ ނޫނީ ގައުނީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު 10،000 ޑޮލަރަށް އަރާމެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.