ހަބަރު

ބަޖެޓް ފާސްކުރަން ނަގާ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ފާސްކުރުމަށް މިއަދު މަޖިލީހުގައި ނަގާ ވޯޓް ހުއްޓުވަން އެމްޑީޕީއިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ޕަބްލިކް އިންޓަރެސްޓުގެ މައްސަލައެއްގެ ގޮތުގަ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން އެ މައްސަލަ ހުށަހެޅީ، މަޖިލީހުގައި މިއަދު ބަޖެޓް ފާސްކުރަން ވޯޓު ނަގަނީ މަޖިލީހުގެ ގާނޫނު އަސާސީގެ 87 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބުނެ އެވެ. އެ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް ނަގަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިއްބެވި ނަމަ އެވެ.

މީގެއިތުރުން މިއަދު ނަގާ ވޯޓަކީ، މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ދެބައިކޮށްފަ އެއް ބަޔަކަށްވުރެ ގިނަ މެންބަރުން ތިއްބަވައިގެން ނަގަންޖެހޭ ވޯޓުތަކެވެ. އެމްޑީޕީގެ މައްސަލާގައިވާ ގޮތުން ބަޖެޓް ފާސްކުރުމަކީ ވެސް ގާނޫނެއް ފާސްކުރާ ދަރަޖައިން އިފްތިރާޟުވެގެންވާ ކަމެއް ކަމަށެވެ.

އެމްޑީޕީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއިރު، މިހާރު ވަނީ ބަޖެޓް ފާސްކުރުމުގެ ޖަލްސާ ފަށާފަ އެވެ. އަދި ކޮމެޓީގެ ރިޕޯޓް ވެސް ވަނީ އިއްވާފަ އެވެ. ވޯޓު ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކޮށްފައިވާ ބަޖެޓްގެ އަދަދަކީ 27.9 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓަށް އިދިކޮޅު މެންބަރުން ފާޑުވިދާޅުވަމުންދާއިރު ސަރުކާރަށް ތާއިދުކުރައްވާ މެންބަރުން ގެންދަވަނީ ބަޖެޓަށް ތައުރީފް ކުރައްވަމުންނެވެ. ބަޖެޓްގެ ބަހުސްގައި ވެސް އިދިކޮޅު މެންބަރުން ބައިވެރިވެވަޑައިނުގަންނަވަ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނަވައިގެން ބާއްވާ ޖަލްސާތައް ސައްހަ ނުވާނެ ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ކުނޫޒުގަ އެވެ. އިދިކޮޅު މެންބަރުން ބަޖެޓް ކޮމެޓީގައި މަސައްކަތް ކުރެއްވި ނަމަވެސް އެންމެފަހު ވަގުތު އޮޑިޓާ ޖެނަރަލާއި އެމްއެމްއޭގެ ގަވަރުނަރު ކޮމެޓީއަށް ހާޒިރުނުކުރާން ނިންމުމުން އެ މެންބަރުން ވަނީ ކޮމެޓީ ދޫކުރައްވައި ވަޑައިގެންފަ އެވެ. ކޮމެޓީ ބަޖެޓް ފާސްކުރީ އިދިކޮޅު މެންބަރުންގެ ވޯޓާ ނުލަ އެވެ.