ހަބަރު

"ބިރު ދައްކައިގެން ތިނަދޫ ރައްޔިތުން ނުހުއްޓުވޭނެ"

ބިރު ދައްކައިގެން ގދ. ތިނަދޫގެ ރައްޔިތުން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ، ތިނަދޫގެ މެންބަރުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކަށް ރައްދު ދެއްވައިފި އެވެ.

ރޭ ޕީޕީއެމް ރުމާލު2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވަނީ އިދިކޮޅުގެ ޖަލްސާއަށް އިހުލާސްތެރިކަމެއް ހުރިނަމަ ތިނަދޫގެ އެއްވެސް ރައްޔިތަކު ނުދިޔުމަށް ގޮވާލައްވާފަ އެވެ. ނިހާން ވިދާޅުވި ގޮތުގައި މާލެ ފިޔަވައި ދެން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގީ ތިނަދޫގަ އެވެ. އެއީ ރައީސް ވެވަޑައިގަތް ގުރުބާނީއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"ގދ އަތޮޅުގެ ރައްޔިތުންގެ ހިތުގައި އެއްވެސް އިހުސާންތެރިކަމެއްވާ ނަމަ އިދިކޮޅު ފަރާތްތަކުން އެ އަތޮޅުގައި ބާއްވަން އުޅޭ ޖަލްސާގައި ބައިވެރިވެގެން ނުވާނެ، ރައީސް ޔާމީން ވެވަޑައިގަތް އިހުސާންތެރިކަން ރައްޔިތުން ދައްކާދޭނެ،" ތިނަދޫއަށް އުފަން ނިހާން ވިދާޅުވި އެވެ.

ނިހާނަށް ރައްދު ދެއްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އީސިން ކަނޑައަޅާފައިވާ އަބްދުﷲ އަހްމަދު ވިދާޅުވީ، ބިރު ދައްކައި، ކަލަ ގޮވައިގެން ތިނަދޫގެ ރައްޔިތުން ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. އިސްލާހީ މަސައްކަތުގައި ތިނަދޫގެ ރައްޔިތުން ކުރީ ސަފުގައި ތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އީސިން ކަނޑައަޅާފައިވާ ސައުދު ހުސެއިން ވިދާޅުވީ، ތަރައްގީއަކީ ކޮންމެ ސަރުކާރަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރަނީ ރައީސްގެ އަމިއްލަ ފައިސާއިން ނޫން ކަމަށެވެ. ތިނަދޫއަށް ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ތިނަދޫ ރައްޔިތުން ވެސް ދައްކާ ޓެކްސް ފައިސާއިން ކަމަށެވެ.

"ތިނަދޫގެ ރޫހަކީ ވައްކަމާއި އަޅުވެތިކަމާ ދެކޮޅު ރޫހު، ދިވެހި ތާރީހުގަ ތިނަދޫ ރައްޔިތުންނަށް ސަރުކާރުން ދިން ދެވަނަ އަނިޔާ ވަނީ މި ސަރުކާރުން ދީފަ، ތިނަދޫ ރައްޔިތުން ތަމްސީލްކުރައްވާ މެންބަރުންނަށް ކުރާ އަނިޔާއަކީ މުޅި ތިނަދޫ ރައްޔިތުންނަށް ކުރާ އަނިޔާ،" ސައުދު ވިދާޅުވި އެވެ.

ތިނަދޫއަށް އުފަން ނިހާން ރޭ ވިދާޅުވި ގޮތުގައި، ތިނަދޫއަށް ބިލިއަންނެއްހާ ރުފިޔާގެ މަޝްރޫއުތައް ހަނގާފައިވެ އެވެ. ނަމަވެސް އެ ރަށަށް ނިސްބަތްވާ ދެ މަޖިލީސް މެންބަރުން އެކަން ދެކިވަޑައި ނުގަނެ ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ދެމުން ގެންދާ ކަމަށާއި އޭގެ ބަދަލުގައި ރައީސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބިލިއަނެއްހާ ރުފިޔާ ތިނަދޫއަށް ހަރަދު ކުރުމަށް ހިމަނާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އެހެންކަމުން އެ ރައްޔިތުންނަށް ރައީސް ޔާމީން ވެވަޑައިގަތް އިހުސާންތެރި ގުރުބާނީގެ އަގު ކޮބާތޯ ނިހާން ސުވާލު އުފެއްދެވި އެވެ.