ހަބަރު

"އަންނަ އަހަރު ސަރުކާރުން ކުރާ ހަރަދުތައް ގާނޫނާ ހިލާފުވާނެ"

Nov 22, 2017
16

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކީ ގާނޫނާ ހިލާފަށް ފާސްކޮށްފައިވާ ބަޖެޓެއް ކަމަށާއި އަންނަ އަހަރު މިނިސްޓްރީ ތަކުން ހަރަދު ކުރާނީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފައި ވަނީ މަޖިލީހުގެ 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވަޑައިގަތީ ވެސް 39 މެންބަރުންނެވެ. އެ ވޯޓުގައި އިދިކޮޅު ޕާޓީތަކުގެ އެއްވެސް މެންބަރަކު ބައިވެރިއެއް ނުވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ފާސް ކުރުމާއި ގުޅިގެން އެކަމަށް ރައްދުދެއްވައި ނަޝީދު ވިދާޅުވީ، ގާނޫނު ބުނާ މިންވަރަށް ބަޖެޓަށް ވޯޓު ލިބިފައިނުވާ ކަމަށާއި އަންނަ އަހަރުން ފެށިގެން މިނިސްޓްރީ ތަކުން ހަރަދު ކުރާނީ ގަނޫނާ ހިލާފަށް ކަމަށެވެ.

ނަޝީދުގެ ޓްވީޓް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އިދިކޮޅު ގިނަ ފަރާތްތަކެއް ދަނީ ބުނަމުންނެެވެ. އެކަމަށް އިޝާރަތްކުރައްވާ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނު އަސާސީގައި ބުނެފައިވާ އަދަދަށް މެންބަރުން މަޖިލީހަށް ހާޒިރުވެ ނެތީސް ކަމަށެވެ. މަޖިލީހުގެ މިއަދުގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ކުރިން ގާނޫނު އަސާސީއާ އެއްގޮތަށް ބަޖެޓް ފާސްކުރުމަށް ގޮވާލައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި މިއަދުގެ މަޖިލީހުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ، މަޖިލީހުގެ މި ދައުރު ފެށުމާއެކު އެންމެ ބޮޑު އަމާޒަކަށްވީ ދައުލަތުގެ ބަޖެޓާމެދު މަޖިލީހުން ގޮތެއް ނިންމުން ކަމަށެވެ. އެކަން މިއަދު ނިމިގެން މިދިޔައީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މަސީހު ވިދާޅުވި އެވެ.