ހަބަރު

ތިނަދޫގައި ޖަލްސާ ނުބޭއްވޭ ފަދަ ހާލަތެއް ނާންނާނެ: އިދިކޮޅު

ގދ. ތިނަދޫގައި މާދަމާރޭ ބާއްވަން މަސައްކަތް ކުރާ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރުން މަސައްކަތް ކުރި ނަަމަވެސް އެ ޖަލްސާ ނުބޭއްވޭ ފަދަ ހާލަތެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ކުނޫޒުގައި އިދިކޮޅުން މިއަދު ހަވީރު ބޭއްވި ނޫސްކޮންފަރެންސްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ)ގެ ޗެއާޕާސަންގެ ނައިބު އަލީޯ ނިޔާެޒު ވިދާޅުވީ ތިނަދޫ ރައްޔިތުން ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތު އެރަށު ފަސްގަނޑުގައި އޮންނާނެ ކަަމަށެވެ.

" އަޅުގަނޑުމެން ގަބޫލެއް ނުކުރަން ޖަލްސާ ނުބޭއްވޭނެ ފަދަ ހާލަތެއް އަންނާނެ ކަމަކަށް. އެއީ ތިނަދޫ ރައްޔިތުން ތިބީކީ އެގޮތަކަށް ނޫން." ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ސަރުކާރުން ބާއްވާ ޖަލްސާތައް އޮމާންކޮށް ގެންދަން ފުލުހުންނާއި އެހެން މުއައްސަސާތަކުން މަސައްކަތް ކުރާ ފަދައިން ޒިންމާދާރު އިދިކޮޅު ފަރާތްތަކަށް ވެސް ފުރުސަތު ދޭން ޖެހޭނެ ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ،ކޮމިޝަނުން ބުނާ ސައުދުﷲ ހިލްމީއާ އެކު ބޭއްވި ބައްދަލުވުމަކާ ގުޅިގެން ގދ. އަތޮޅެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ނިޔާޒު ކުށްވެރި ކުރެއްވިއެވެ. ވިދާޅުވީ ސައުދުﷲ އަކީ އަދިވެސް އެ ދާއިރާގެ މެމްބަރު ކަމަށާއި އޭނާއާ ބައްދަލުކުރަން އަތޮޅުގެ ބޭނުން ކުރެވެން ޖެހޭނެ ކަމަށެވެ؛

އިދިކޮޅުން ތިނަދޫގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންވެސް މިހާރު ވަޑައިގެން އުޅުއްވަނީ އެރަށުގައެވެ. ތިނަދުއަށް މިއަދު ވަޑައިގެންނެެވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ޕީޕީއެމް އާއި އެމްޑީއޭގެ އެހެން މެންބަރުން ހިމެނެ އެވެ.

ޖަލްސާއަށް ހުރަސް އެޅުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުން ޕްރޮމޯޓް ވާނީ އިދިކޮޅުން ބާއްވަން އުޅޭ ޖަލްސާ ކަމަށް އިދިކޮޅުން ދެކެއެވެ.

" ... މި ޖަލްސާ ޕްރޮމޯޓް ކުރުމަށް ޕީޕީއެމްއާ ސަރުކާރުން ތިޔަ ކޮށްދެއްވާ މަސައްކަތަށް ވެސް ފަށްފަށުން ޝުކުރު ދަންނަވަން،" ނޫސްކޮންފަރެންސް ނިންމަވައިލައްވަމުން ނިޔާޒު ވިދާޅުވިއެވެ.