ހަބަރު

ތިނަދޫގައި ޕީޕީއެމް އާއި އިދިކޮޅު މީހުންނާ ދެމެދު ހަަމަނުޖެހުމެއް

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސް ބޭފުޅުންތަކެއް މިއަދު ގދ. ތިނަދޫއަށް ވަޑައިގެން ވަގުތު، ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަނުޖެހުމެއް ހިނގައިފި އެވެ.

އެނގިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގީ ޕީޕީއެމްގެ ބޭފުޅުން ރަށަށް ވަޑައިގަތުމުން އެބޭފުޅުންނަށް ފުރައްސާރައަކަށް ވާ ފަދަ އިބާރާތެއް ލިޔެފައިވާ ބެނާއެއް ހިފައިގެން އެމްޑީޕީ ބަޔަކު އެސަރަހައްދަށް ދިއުމުންނެވެ. އިދިކޮޅު މީހުން އެެފަދަ ބެނާތައް ހިފައިގެން އެ ސަރަހައްދުގައި އެތުރެން މަސައްކަތް ކުރުމުން ޕީޕީއެމްގެ މެމްބަރުން ވަނީ އެކަމަށް ހުރަސް އަޅަން މަސައްކަތްކޮށްފައެވެ. މާރާމާރީއަކަށް ބަދަލުވީ އެހިސާބުންނެވެ.

އެހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ޔޫޓިއުބްގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެކަމުގެ ތެރޭގައި މީހަކަށް ބޮޑު އަނިޔާއެއް ނުވެއެވެ. އަދި އެކަން ހުއްޓުވަން ފުލުހުން އެވަގުތު މަސައްކަތް ކުރިތަން ވެސް ވީޑިއޯއިން ފެނެއެވެ.

ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. ތިނަދޫގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވަން އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.