ހަބަރު

ޓާޓާ ފްލެޓްގެ 105 އެޕާޓްމެންޓް ވިއްކާލަނީ

މާލޭގެ ގާކޮށްޓާއި އަރަބިއްޔާގައި ޓާޓާ ކުންފުނިން ހަދާފައިވާ 264 އެޕާޓްމެންޓްގެ ތެރެއިން 105 އެޕާޓްމެންޓް ވިއްކާލަން އިއުލާން ކޮށްފި އެވެ.

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގެ ގާކޮށްޓާއި އަރަބިއްޔާގައި ގާއިމްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 105 ފްލެޓް ވިއްކަން ނިންމާފައިވާ ކަމަށެވެ.

ވިއްކަން އިއުލާން ކުރި ފްލެޓް ތަކަކީ ދީފައިވާ މުއްދަތުގެ ތެރޭގައި ލޯނު ހަމަ ނުޖެހުނު ފަރާތްތަކުގެ ފްލެޓްތަކެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، ފްލެޓަށް އެދޭ ފޯމް ދޫކުރުން ހަމަ ޖެހިފައިވަނީ އަންނަ މަހުގެ ހަތަރަކުން ފެށިގެން ކަމަށެވެ. އަދި ފޯމު ދޫކުރާނީ ފުރަތަމަ އަންނަ 105 ފަރާތަކަށް ކަމަށާއި އެ ފަރާތްތަކަށް ފޯމު ދޫކުރާނީ އެއް ލައްކަ ރުފިޔާޣެ ބޭންކް ގެރެންޓީ ގެންނަ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.

މިއަދު ވިއްކާލަން އިއުލާން ކުރި 105 ފްލެޓަށް ބޭންކް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުގެ ފައިނޭންޝަލް ސްކްރީނިން ހެދުމަށް ބޭންކު ތަކަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ. އަދި އެ ފްލެޓް ތަކަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހެވެ.

ގާކޮށްޓާއި އަރަބިއްޔާގައި ޓާޓާ އިން އެޅި ފްލެޓްތައް 266 މީހަކަށެވެ. އޭގެ ތެރެއިން ފްލެޓް ދީފައިވަނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކި ފަރާތްތަކަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަދަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް އެގްރިމަންޓް ހަދާފައިވާ ގޮތުގެ ސަބަބުން ނުނިމި އެތައް ދުވަހެއް ދިގުލައިގެން ގޮސް އެ ފްލެޓްތަކުގެ މަސައްކަތް ނިމުނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ޓާޓާ ފްލެޓްތައް ސަރުކާރަށް އަމިއްލަ ކުރީ، 278 މިލިއަން ރުފިޔާ ދެއްކުމަށް ފަހު އެވެ.