ހަބަރު

ނަޝީދު މިނިވަންވެ، އިންތިހާބުގައި ވާދަ ކުރާނެ: ހަސަން

Nov 23, 2017
22
  • އިންސާފުވެރި އިންތިހާބަކަށް ކުރަން ޖެހޭ މަސައްކަތްގިނަ
  • ކުރީގެ އިންތިހާބުތަކުން އިބުރަތް ހާސިލްކުރަން ގޮވާލި
  • އާބާދީ ތޮއްޖެއްސުމާ ދެކޮޅަށް ރައްޔިތުން ނިކުންނަން ގޮވާލި

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރާއްޖެ ވަޑައި ނުގެން ބޭރުގެ ހިމާޔަތުގައި އުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންވެ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ލިބޭނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ގދ. ތިނަދޫގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ހަސަން ވިދާޅުވީ، ރާއްޖޭގެ މިހާލަތު އޮތްގޮތުން މިނިވަން އިންސާފުވެރި އިންތިހާބަކީ ލިބޭނެ އެއްޗެން ނޫން ކަމަށާއި އިންތިހާބު ހޯދުމަށް ނިކުމެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސަކަތްތައް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތްތަކުން ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދައިދެވޭނެ ކަމަށެވެ.

ހަސަން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކަންކަން ހިނގާދިޔަ ގޮތް ބަލައި އެ ކަންކަމުން ފިލާވަޅު ލިބިގަތުން ކަމަށެވެ. އަދި އެ ފިލާވަޅުތަކުގެ އަލީގައި އަންނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"މިނިވަން އިންތިހާބެއް ހޯދާނަން، ރައީސް ނަޝީދު މިނިވަންވެ 2018 ގެ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރަން ފުރުސަތު ލިބޭނެ ކަމުގެ އެއްވެސް ޝައްކެއް އަޅުގަނޑަކަށް ނެތް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަ ކޮށްލައި މުޅި ރާއްޖެ އެއް ފަސްގަނޑަކަށް ގެނެސް ތޮއްޖެއްސުން ކަމަށާއި މިތިބީ އެކަން ހުއްޓުވަން ނިކުމެ ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުން ބިކަ ކޮށްލައި މުޅި ރާއްޖެ ފަޅުކޮށް، ވިއްކާލަން ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ރައްޔިތުން އެކަމަށް އަޑުއުފުލަން ޖެހޭ ކަމަށެވެ.

"އެމްޑީޕީ ބައިވެރިވުން އޮތް ސަރުކާރެއްގައި މި ރަށްތައް ތަރައްގީ ކުރާނަން، މި ގައުމަކީ ޖަޒިރާ ގައުމެއްގެ ގޮތުގައި އަނެއްކާވެސް ތަރައްގީ ކުރާނަން، ރައްޔިތުން ބިކަ ވިޔަކަ ނުދޭނަން،" ހަސަން ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވީ، މި ސަރުކާރުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަކީ ޓެރަރިސްޓުން ކަމަށާއި އެއީ މި ސަރުކާރުން ރައްޔިތުންނަށް ބޮލަށް އެރި ރައްޔިތުންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި މި ހުރިހާ ކަމެއް ބަލާނެ ކަމަށާއި އެކަންކަމަށް އިންސާފު ހޯދާދޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.