ހަބަރު

ރޭ ދެއްކި ސައިޒް: އިދިކޮޅަށް ސަޅި، ސަރުކާރަށް ކަޑަ!

ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ އެންމެ ބޮޑު ވާދަވެރިކަމެއް މި ވަގުތު އޮތީ ގދ. ތިނަދޫގަ އެވެ. އެ ދެކޮޅުން ވެސް އެ ރަށުގައި ސިޔާސީ ހަރަކާތްތައް ހިންގަމުންދާއިރު، ތާއިދު ދައްކާލަން ބޭނުން ކުރަނީ މީހުނެވެ. އެއްވާ ރައްޔިތުންގެ އަދަދެވެ. އެ އަދަދު އެއް ބަޔަކަށްވުރެ ގިނަ ކުރަން، ނޫނީ ގިނަ ކަމަށް ދައްކަން ކުރެވެން އޮތް ކަމެއް ވިއްޔާ ސިޔާސީ ވެރިން ކުރާނެ އެވެ.

ކޮންމެއަކަސް ރޭ އިދިކޮޅު ޕާޓީތަކުން ވަނީ ތިނަދޫގައި ބޮޑު ޖަލްސާއެއް ބާއްވާފަ އެވެ. މިފަހުން އިދިކޮޅުން ބޭއްވި އެންމެ މީހުން ގިނަ އެއްވުމަށް އެ އެއްވުންވާނެ އެވެ. ތިނަދޫގައި ބޭއްވި އެ ޖަލްސާއަށް ކައިރި ރަށްރަށުންނާއި ގއ.ގެ ބައެއް ރަށްރަށުން މީހުން ދިޔަ އެވެ. އިދިކޮޅުން ސިފަކުރާ ގޮތުގައި މުޅި ހުވަދު އަތޮޅު އޮތީ ސަރުކާރާ ދެކޮޅަށެވެ. އަދި ރޭ ދައްކާލި އަދަދަކީ އެކަމުގެ ހެއްކެވެ. އެ އަދަދު ފެނި ސަރުކާރުން މާޔޫސްވެފައިވާ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ޖަލްސާގައި ބައިވެރިވަޑައިގަތް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ސަރުކާރުގެ ހުރަސްއެޅުންތަކާއި ދުއްތުރާތަކާއެކު ވެސް ރޭ ކާމިޔާބު ބޮޑު ޖަލްސާއެއް ބޭއްވިފައިވާ ކަމަށެވެ. ހުވަދު އަތޮޅުގެ ރައްޔިތުން ރައީސް އަބްދުﷲ ޔާމީން ބަލިކުރަން ކުރާ މަސައްކަތަށް ޝާހިދު ވަނީ ތައުރީފު ވެސް ކުރައްވާފަ އެވެ. ރޮޒައިނާ އާދަމް ވިދާޅުވީ، ސަރުކާރުގެ ޖަލްސާތަކަށް މީހުން ދަނީ ބިރު ދައްކައިގެން ކަމަށާއި އިދިކޮޅު ޖަލްސާތަކަށް މީހުން ދަނީ ހުއްޓުވަން ފުލުހުން ނުކުމެ ތިބޭއިރު ބިރު ފަހަނަ އަޅައި ގޮސް ކަމަށެވެ.

މަޑުއްވަރީ ދާއިރާއިން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މުހައްމަދު އަމީތު ވިދާޅުވީ، ރޭގެ ފެނިގެން ދިޔައީ ބިރު ދެއްކުމެއް ނެތް މަޖުބޫރުކުރުމެއް ނެތި ރައްޔިތުން ހިތުގެ ލޯތްބާއި އިހުލާސްތެރިކަމާއެކު ޖަލްސާއަށް ދިޔަ ތަން ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ، ޖަލްސާގައި ތިބި ރައްޔިތުންގެ އަދަދު ފެންނަ ފަދަ ފޮޓޯތަކެއް އާންމުކުރައްވައި ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން އެ ރައްޔިތުންނަށް ދައްކާނެ ބިރެއް ނެތްއިރު، މުޅި ތިނަދޫ އޮތީ އެ ފަރާތްތަކާއެކު ކަމަށެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ އަބްދުﷲ އަހުމަދު އާންމު ކުރެއްވީ، ސަރުކާރުގެ އިސްވެރިންތަކެއް ޖޯއްޔާގައި ތިއްބެވި ފޮޓޯއެކެވެ. އަދި ވިދާޅުވީ، "ނިއްޗެއް ލޮލަށް ނައޭ ރޭ، ދެން އެވީ ގޮތުން، އޮޅުވާނުލާ ބުނާށޭ ދުލުން ސައިޒް ވެއްޖޭ، އަސަރުކޮށްފި، ހަމަ އަސަރުކޮށްފި،" ކަމަށެވެ.

އެކަމަކު ސަރުކާރު ހިންގާ، ޕީޕީއެމް މެންބަރުންނަށް އިދިކޮޅުން ދެއްކި އަދަދު ވަރަށް ކަޑަ އެވެ. ތިނަދޫގެ އިދިކޮޅު ޖަލްސާއަށް ނުދިޔުމަށް ގޮވާލެއްވި އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ގއ އާއި ގދ އަތޮޅުގެ 20 ރަށުން މީހުން ގެނެސްގެން ފާޓުފުޅާ އެމްޔޫއޯއިން ބޭއްވި ޖަލްސާއިން ސައިޒު ފެނިއްޖެ ކަމަށެވެ. ނިހާން ވިދާޅުވި ގޮތުގައި ޖަލްސާއަށް ތިނަދޫއިން ނުކުމެފައިވަނީ 400 މީހުންނެވެ. ދެ އަތޮޅު އެއްކޮށްލުމުން ވެސް ޖުމްލަ ހަމަވީ 800 މީހުން ކަމަށެވެ.

ޕީޕީއެމްގެ އެސްޖީ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލު ވެސް ވަނީ ހިސާބު ޖައްސަވާފަ އެވެ. ހަލީލު ވިދާޅުވި ގޮތުގައި ޖަލްސާއަށް ދެ އަތޮޅުން ނުކުތީ 1200 މީހުނެވެ.

މި ހުރިހާ ވާހަކައަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ މިހެނެވެ؛ "މުހިންމީ ޖަލްސާއަށް މީހުންދާ އަދަދެއް ނޫން، މުހިންމީ ވޯޓްގެ ނަތީޖާ، ލިބޭ ޕަސެންޓް، ވަރަށް ސާފުކޮށް އަދި ހަޑިކޮށް ލޯކަލް ކައުންސިލްގެ އިންތިހާބުގަ 70 ޕަސެންޓުން އޮންނާނީ ސަރުކާރު ބަލިކޮށްފަ،"

އަންނަ ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެމްއިން ތިނަދޫގައި ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ފޮޓޯއިން ފެންނަ އަދަދު އަޅާ ކިޔައި ހަގީގީ ތާއިދު އޮތް ބައެއް އެނގިގެން ދާނީ އެ ރޭ ޖަލްސާގެ ފޮޓޯތައް ޓްވިޓާގައި ދައުރުވާން ފެށުމުންނެވެ.