ހަބަރު

މައުމޫން ވިދާޅުވެގެން މުޒާހަރާ ކުރާ ކަމަށް އަލީ ވަހީދު ދިން މައުލޫމާތު ޕީޕީއެމުން ކުށްވެރިކޮށްފި  

Apr 29, 2015

މުޒާހަރާކޮށް ބޮޑު އެއްވުމެއް ރާވަނީ ރައީސް މައުމޫން ވިދާޅުވެގެންް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފުލުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މިހާރު ހިނގާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާއި އަދި ވަކި ތާރީހެއް ކަނޑައަޅައިގެން މާލޭގައި ބޮޑު އެއްވުމެއް ރާވަމުން ގެންދަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަން ކަށަވަރުކޮށްދޭ ކަމަށާއި އަލީ ވަހީދާއި އިމްރާންގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި ޕާޓީ އާއި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން އުޅޭ ކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ފިތުނަ އުފެއްދުމަށް ބަޔަކު ދައްކަމުން ގެންދާ ވަހަކަތަކެވެ.  މި ޕާޓީ އާއި ސަރުކާރާ ދެމެދު އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށް ދަންނަވަމެވެ." އެ ބަޔާނުގައި ވެއެވެ.

ޕީޕީއެމާއި ސަރުކާރަށް ތާއީދު ކުރާ އެއްވެސް މީހަކު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ތަކުގައި ބައިވެރި ނުވެ ހަމަޖެހިގެން ތިބުމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.