ހަބަރު

ރައީސް ޔާމީން ފޭލިވެއްޖެނަމަ އެ ފޭލް ވަނީ ރައްޔިތުން: ނާޒިމް

އަންނަ 2018 ވަނަ އަަަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ފޭލި ވެވަޑައިގެންފި ނަމަ ފޭލިވީ ކަމަށް ވާނީ ދިވެހި ރައްޔިތުން ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމު ވިދާޅުވީ ގައުމު ފޭލިކޮށްލަން ދިވެހި ރައްޔިތުން ދޫ ނުކުރާނެ ކަމަށެވެ.

" ... އެއީ ޗޮއިސްއެއް އޮތް ކަމެއް ނޫން. ދިވެހި ރައްޔިތުން ދިވެހި ގައުމު ފޭލިކޮށްލުމަކަށް މި ވީހާ ތަނަކަށް ފުރުސަތުދީފައެއް ނެތް. 2018 ގެ އިންތިހާބުގައި ދިވެހިރައްޔިތުންނެއް އެ ޖާގައެއް ނުދެެއްވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވުމުގެ ކުރިން ތިނަދޫގެ ތަރައްގީއަށް ރައީސްް ޔާމީނުގެ ސަރުކާރުން ކޮށްފައިވާ ބައެއް ކަންތައްތަކުގެ ތަފާސް ހިސާބުތައް ވިދާޅުވެ ދެއްވިއެވެ. އެގޮތުން ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި 2012 ވަނަ އަހަރު ތިބީ 12 ޑޮކްޓަރުން ތިބި ނަމަވެސް މިހާރު އެ ހޮސްޕިޓަލުގައި 24 ޑޮކްޓަރުން ތިބި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ނަރުހުންގެ އަދަދު 53 އިން 76 އަށް އިތުރުވެފައިވާ ކަމާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ ޖުމްލަ އަދަދު 173 އިން 200 އަށް ވުރެެ މައްޗަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ތިނަދޫ ހޮސްޕިޓަލަށް މިސަރުކާރުން ގެނައި ތަރައްގީ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލުގައި ޑަޔަލިސިސް ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއި ތެލަސީމިއާއަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ކަރަންޓް ކެނޑޭ ހާލަތްތަކުގައި ބޭނުންކުރާނެ ބެކަޕް ޖަނަރޭޓަރެއް ބެހެއްޓުމަކީ މިސަރުކާރުން ކުރި ކަންތަައްތައް ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވަމުން ނާޒިމު ވިދާޅުވީ އިދިކޮޅުގައި މިހާރު އެއް ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ފިކުރެއް ނެތް ކަމަށެވެ. އަދި އެއީ ނަސީބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

" ...މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި އިދިކޮޅުޕާޓީއެއްގެ ފިކުރަކީ ވަރަށް މުހިއްމު އެއްޗެއް. އެހެން ނަމަވެސް އިދިކޮޅު ޕާޓީއެއްގެ ފިކުރެއް މިއަދަަކު ނެތް.އެއީ އެއް ވިސްނުމެއްގައި މަސައްކަތްކުރާ ފިކުރެއް މިއަދު ފެންނާކަށް ނެތް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ތިނަަދޫގައި މިރޭ ޕީޕީއެމްގެ ޖަލްސާއެއް ކުރިއަށް ދާއިރު ބުރާސްފަތިދުވަހުގެރޭ އިދިކޮޅުޕާޓީތަކުން ވެސް ވަނީ އެރަށުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.