ހަބަރު

ތުޅާދޫ ހަރުގެއަށް ގެއްލުން ދިން މައްސަލަ ބަލަން އެމްޑީޕީން ގޮވާލައިފި

ބ. ތުޅާދޫގައި އެމްޑީޕީގެ ފަރާތުން ހަރަކާތްތައް ހިންގަން ބޭނުންކުރާ އަގުބޮޑު މުދަލަށް ހުކުރުދުވަހުގެ ރޭ ބަޔަކު ގަސްދުގައި ގެއްލުންދީން މައްސަލައިގެ ފުރިހަމަ ތަގުގީގެއް ހިންގައި، އެމަލު ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށް އެމްޑީޕީ އިން ގޮވާލައިފި އެވެ.

އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ތުޅާދޫ “ފޯ ފިފްޓީ” ކިޔާ ސަރަހައްދުގައި ހުންނަ މަރުކަޒުގައި ހުކުރުދުވަހުގެ ރޭ އެރަށުގެ އެމްޑީޕީ ގެ މެމްބަރުން އިންތިޒާމުކޮށްގެން ބޭއްވި ސިޔާސީ ހަރަކާތަކަށްފަހު އެތަނުގައި ބަހައްޓާފައި ހުރި މުދަލަށް ބަޔަކު ގަސްދުގައި ގެއްލުންދީފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި ބަހައްޓާފައި ހުރި ޓީވީ އެއްކޮށް ތަޅާލުމަށްފަހު އެއްލައިލާފައިވާއިރު ޕްރޮޖެކްޓަރު އަޅުވާ ސްކޮރީން ފަޅާލައި ގޮނޑިތަކަށް ކަޅުތެޔޮ ޖަހައި އެމްޑީޕީގެ ދިދަތައް ހަލާކުކޮށްލައި އަދި ލައުޑް ސްޕީކަރުތައް މޫދަށް އުކާލާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ، އެ އަމަލު ހިންގާފައިވަނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ބޭނުމުގައި ހިންގި އަމަލެއްކަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ ސަޕޯޓަރުން އެމްޑީޕީ ތަކެއްޗަށް ގެއްލުން ދެމުންދަނީ، ސަރުކާރަށް ރައްޔިތުންގެ ތާއީދު ނުހޯދުމުން ކަމަށާއި އެ ހަމަލާ ތަކަކީ އެމްޑީޕީ ފަހަތަށް ޖެއްސުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން، ސަރުކާރަށް ނިސްބަތްވާ ސަޕޯޓަރުން އެފަދަ ހަމަލާތައް ދެމުންދާއިރުވެސް ފުލުހުންނާއި ކޯޓުތަކާއި އިލެކްޝަންސް ކޮމިޝަން ފަދަ ދައުލަތުގެ މުވައްސަސާތަކުން ވެސް ގެންދަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަމުންދާ ސިޔާސީ ހަރަކާތްތަކަށް ތަކުރާރުކޮށް ހުރަސްއަޅަމުންކަމަށް ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ވަނީ، އެމްޑީޕީގެ މެމްބަރުންނަކީ ފަހަތަށް ޖެހޭނޭ ބައެއް ނޫންކަމާއި ހިތްމަތާއެކު މަސައްކަތްކޮށްގެން ކާމިޔާބު ހޯދާ ބައެއްކަން ކުރިން ވެސް ސާބިތުކޮށްދީފަވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި ވެސް ދުޅާދޫއިން އެންމެ ގޮނޑި އެއްވެސް ސަރުކާރަށް ލިބިފައިނުވާ ކަމަށެވެ.