ހަބަރު

ޕީއެސްއެމް ބޯޑަށް ހުށަހެޅި ނަންތަކަށް ރުހުން ދޭން ކޮމިޓީއިން ނިންމައިފި

އެމްބީސީ އުވާލައި ދައުލަތުގެ މީޑީއާ ހިންގުމަށް ގާނޫނަކުން އުފެއްދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑަށް އައްޔަން ކުރައްވަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ނަންތަކަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ރުހުން ދީފި އެވެ.

ޕީއެސްއެމް ގާނޫނުގައި ބުނާ ގޮތުގެ މަތިން އިންޓަވިއު ކުރުމެއް ނެތި، ކޮމިޓީން ރުހުން ދީފައި ވަނީ، އުވާލި އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި ވީމީޑިއާގެ ސީއީއޯ އިބްރާހިމް ހަލީލާއި ވީމީޑިއާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް އިކްރާމް އަބްދުއްލަތީފާއި މެގަމޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަދި ފިލްމީ ތަރި މުއާޒުގެ އަންހެނުން އައިމިނަތު ޝާޔަން އާއި ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީގެ ބޭބެ، އިބްރާހިމް ހިލްމީ އާއި މއ. ޕެންޒީ މުހައްމަދު ޝާގިލް އަދި ވީޓީވީގެ ޕްރެޒެންޓަރު ހއ. އިހަވަންދޫ ނޫފަރު މަހުމޫދު އަލީ އެވެ.

ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުގައި އެ ބޯޑަށް އެންމެ ފުރަތަމަ އައްޔަން ކުރަން ރައީސް ބޭނުންފުޅުވާ ނަންތައް ތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އަދި އެ ނަންތައް ދިރާސާކޮށް ނަންތަކަށް ތިން ދުވަހުގެ ތެރޭގައި ވޯޓަށް އަހައި ފާސްކުރަން ވެސް ޖެހެ އެވެ. ކޮމިޓީ އިން އެކަންް ފާސްކުރުމުގައި އާންމުކޮށް އަމަލުކުރާ އިދާރީ އުސޫލުތައް ފަހަނަ އަޅައި ދިޔުމަކީ މައްސަލައެއް ނޫން ކަމަށް އެ ގާނޫނުގައިވެ އެވެ.

އެ ބޯޑްގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ. އެ ބިލްގެ ދަށުން ޕަބްލިކް ސާވިސް މިޑީއާގެ ދަށުން ރޭޑިއޯ، ޓީވީ ހިންގުމުގެ އިތުރަށް އޮންލައިންނާއި ނޫސް އަދި ނިއު މިޑީއާގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ޒިންމާދާރު ވަކި ފަރާތަކަށް ނުޖެހޭ ދައުލަތުގެ މީޑިއާއެއް ހިންގަން ޖެހެ އެވެ. އެ މީޑިއާ ހިންގުމުގެ ކަންކަން ކުރުމަށް، ބޯޑްގެ މެންބަރުންގެ ތެރެއިން އަމަލީ ގޮތުން ހަރަކާތްތެރިވާ ތިން މެންބަރަކު ހޮވާނެ އެވެ.