ހަބަރު

ހުކުރު މިސްކިތް ތަރިކައިގެ ލިސްޓުން ބޭރުވުމުގެ ބިރު

  • ތަރިކައިގެ ދާއިމީ ލިސްޓަށް ސަރަހައްދު ހިމާޔަތްކުރަން ޖެހޭ
  • މި ސަރަހައްދަށް ގެންނަ ބަދަލާ އެކު ތަރިކަތައް ނެތިދާނެ
  • ހުކުރު މިސްކިތް ވަގުތީ ލިސްޓްގައި މިހާރުވެސް ހިމެނޭ

ޔުނެސްކޯގެ ގައިޑްލައިންއާ އެއްގޮތަށް އެ ސަރަހައްދު ހިމާޔަތްނުކޮށް، ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓްގައި ހިމެނުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. ހުކުރު މިސްކިތަކީ މިހާރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމަނާފައިވާ ތަނެކެވެ.

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގައި ކެފޭއެއް އެޅުމަށް ސަރުކާރުން ނިންމައި، އެކަން ކޮށްދޭނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހެރިޓޭޖް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް ޔުމްނާ މައުމޫން ވިދާޅުވީ މާލޭ ހުކުރު މިސްކިތާއި އެ ސަރަހައްދަކީ ދިވެހިންގެ އަގުހުރި ތަރިކައެއް ކަމަށެވެ.

"ޔުނެސްކޯގެ ގައިޑްލައިންއާ އެއްގޮތަށް މާލެ ހުކުރު މިސްކިތާއި ސަރަހައްދު ހިމާޔަތް ކުރަންޖެހޭ، ނޫނީ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް ހިރިގަލުގެ މިސްކިތް އަރުވަން ކުރެވޭ މަސައްކަތް ކާމިޔާބެއް ނުވާނެ،" ޔުމްނާ ވިދާޅުވި އެވެ.

ޔުނެސްކޯގެ ގައިޑްލައިންގައިވާ ގޮތުން، ދުނިޔޭގެ ތަރިކައިގެ ގޮތުގައި ހިމަނާ ތަންތަނުގައި ހުސް ޖާގައެއް އޮންނަންޖެހެ އެވެ. އަދި އެފަދަ ސަރަހައްދަށް އެއްވެސް ބަދަލެއް ވެސް ގެނެސްގެން ނުވާނެ އެވެ. އެއީ ސަރަހައްދަށް ގެންނަ ބަދަލަކުން މުޅި ތަނުގެ ހެރިޓޭޖް ގެއްލިގެން ދިޔުމުގެ ބިރު އޮންނާތީ އެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެ ސަރަހައްދަކީ މާލޭގައި ސުންނާފަތިނުކޮށް އޮތް ހަމައެކަނި ސަރަހައްދު ކަމަށެވެ. އެ ސަރަހައްދު ހަލާކުކޮށްލުމާ ދެކޮޅު ކަމަށެވެ. ހައުސިން މިނިސްޓްރީން ބުނެފައިވަނީ ސަރަހައްދަށް ބަދަލު ގެނެސް، ކެފޭއެއް އަޅަނީ ތަނުގެ އެއްވެސް އާސާރީ އެއްޗަކަށް ގެއްލުންނުވާ ގޮތަށެވެ.

މާލޭގެ ހުކުރު މިސްކިތް ބިނާކޮށް ނިންމެވީ، އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ.

ހުކުރު މިސްކިތް ސަރަހައްދަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާއިރު، މާލޭގައި ހުންނަ ބިހުރޯޒް މިސްކިތް ތަޅާލައި އެ މިސްކިތް ހުރި ބިމުގައި 12 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފަ އެވެ. ތާރީހީ އެ މިސްކިތުގެ ގޯތިތެރޭގައި މުހައްމަދު ބޮޑުތަކުރުފާނާއި ހަސަން ރަންނަބަނޑޭރި ކިލެގެފާނާގެ މަހާނަފުޅު ހުންނަ ޒިޔާރާތެއް ހުރެ އެވެ.

މީގެކުރިން ސަރުކާރުން ވަނީ ޖަސްޓިސް ބިލްޑިންގުގެ ކައިރީގައި ހުންނަ ޒިޔާރަތް މިސްކިތާއި އަލިވާގެ ކައިރި ހުންނަ ފައިފުހޭ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާފަ އެވެ. ޒިޔާރަތް މިސްކިތާއި، ފައިފުހޭ މިސްކިތަކީ ވަރަށް ޒަމާންވީ ދެ މިސްތެކެވެ. އަދި އެ ދެ މިސްކިތަކީ ޖާގައިގެ ގޮތުން މާ ތަނަވަސް ދެ މިސްކިތެއް ނޫނެވެ. އަދި އެއީ ހިިރިގަލުން ހަދާފައިވާ މިސްކިތްތަކެކެވެ. އެ މިސްކިތްތަކަކީ ތާރީހީ މިސްކިތްތަކެއް ކަމަށްވުމުން އެ ތަންތަން ތާޅާލާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.

ސަލްޓަން ޕާކް ތެރޭގައި ހުރި ކަޅުވަކަރު މިސްކިތް ވެސް ސަރުކާރުން ވަނީ ރޫޅާލާފަ އެވެ. އެއީ ރާއްޖޭގައި ހުރި އެންމެ ތާރީހީ މިސްކިތެވެ. އެ މިސްކިތް ގދ. ތިނަދޫއަށް ގެންދަން ސަރުކާރުން ނިންމާފައިވީ ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ. އަދި އެ މިސްކިތުގެ ބައިތައް މިހާރުވީ ހިސާބެއް ވެސް ނޭނގެ އެވެ.