ހަބަރު

އެއް ޖިންސުން ގުޅުން ހިންގަން ތިބި ކަމަށް ބެލެވޭ ބަޔަކު ޑްރަގްސްއާ އެކު ހައްޔަރުކޮށްފި

Apr 29, 2015

އެއްޖިންސުން ގުޅުން ހިންގަން ތިބި ކަމަށް ބެލެވޭ ދެ ފިރިހެނަކު މަސްތުވާތަކެއްޗާ އެކު މާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި ތިއްބާ ހައްޔަރުކޮށްފި އެވެ.

ފުުލުހުން ބުނީ އިއްޔެ ރޭ 8:00 އެހާއިރު ހައްޔަރުކުރީ 48 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށެވެ. މިއީ ދެ ދިވެހިން ކަމަށާއި މި މީހުން ހައްޔަރުކޮށް ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ބަދުއަހުލާގީ އަމަލު ހިންގުމަށް ބޭނުންކުރާ އާލާތްތަކާއި ބަރަހަނާ ފިލްމު ވެސް މި މީހުން ތިބި ކޮޓަރިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރި 48 އަހަރުގެ މީހާ އަކީ މަސްތުވާތަކެތީގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި 25 އަހަރުގެ މީހާ އަކީ ވައްކަމާއި ފޭރުން އަދި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައިގެ އިތުރުން ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލައެއްގެ ރެކޯޑްސް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.