ހަބަރު

ގޯއެއާގެ ދަތުރުތައް ރާއްޖެއަށް މިއަހަރަކު ނުފެށޭނެ

އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށް ވާ ގޯއެއާ އިން ކުރިން އިއުލާނުކޮށްފައިވާ ގޮތަށް އަންނަ ޑިސެމްބަރު މަހު ރާއްޖެއަށާއި ބައިނަލް އަގުބވާމީ އެހެން މަންޒިލުތަކަށް ވެސް ދަތުރު ނުފެށޭނެ ކަަމަށް އެ އެެއާލައިންގެ މަސްދަރަކާ ހަވަލާދީ އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ( ޕީޓީއައި) އާ ހަވާލާދީ އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ ބައިނަަލް އަގުވާމީ ދަތުރުތައް ލަސް ކުރަން ޖެހުނު އެއް ސަބަބަކީ އެކުންފުނިން ގަނެފައިިވާ އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓްތައް ލިބުން ލަސްވުން ކަމަށެވެ. އަދި ބުނީ އެ ބޯޓްތައް ލިބުން ލަސްވީ އެބޯޓްތަކުގައި އަޅާ ޕްރެޓް އެންޑް ވައިޓްނީ މަރުކާގެ އިންޖީނުތައް އެއާ ބަސް ކުންފުންޏަށް ލިބުން ލަަސްވެގެން ކަމަށް ވެސް ބުންޏެވެ.

ގޯއެއާގެ ބައިނަލް އަގުވާމީ ދަތުރުތައް ފެށުން ލަސްވި އަނެއް ސަބަބަކީ ނަގަން ޖެހޭ ހުއްދަތަކެއްގެ ކަންތައް ލަސްވުމެވެ.

އަންނަ ޑިސެމްބަރުމަހު ގޯއެއާއިން ދަތުރު ފަށަން ނިންމާފައި އޮތީ ރާއްޖެއާއި ސައުދި އަރަބިއްޔާ، ގަތަރު،އީރާން، ޗައިނާ، ވިއެޓްނާމް ، އުޒްބެކިސްތާނު، ކަޒަކިސްތާން އަދި އަޒަރުބައިޖާނަށެވެ.

" ހުރިހާ ކަމެއް ލަސްވީ ޕްރެޓް އެންޑް ވައިޓްނީ އިންޖީނުގެ ގޮންޖެހުމާ އެކު މަތިންދާބޯޓްތައް ލިބުން ލަސްވުމުން، "ގޯ އެއާގެ އިސް އޮފިޝަލަކު ވިދާޅުވި ކަމަށް ޕީޓީއައިގެ ހަބަރުގައި ވެއެވެ.

ނަމަވެސް އެ އޮފިިޝަލް ވިދާޅުވެފައި ވަނީ މިހާރު އިންޖީނުގެ ނުލިބުމުގެ މައްސަލަ ހައްލުވެ، މަތިންދާބޯޓްތައް ފޮނުވަން ފަށާފައިވާ ކަމަށާއި އެހެންވީމާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަތުރުތައް ފެށޭނެ ކަމަށެވެ.