ހަބަރު

ސިޓީ ކައުންސިލްގެ ބާރުތައް ރައީސް ކަނޑައަޅުއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ރައީސް ކަނޑައަޅުއްވަން ޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަހީދު ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން ލާމަރުކަޒީ ގާނޫނުގެ 56 ވަނަ މާއްދާއަށް ގެންނަ އިސްލާހެއްގެ ދަށުން، މާލޭ ސިޓީ ކައުންސިލަށް އެ ގާނޫނުން ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ދޭ ހިދުމަތްތަކުގެ ކަންކަމުގައި ލިބިދޭ ބާރުތައް ކަނޑައަޅަން ޖެހޭނީ ކެބިނެޓްގެ ލަފާގެ މަތިން ރައީސް އެވެ. އަދި ސިޓީ ކައުންސިލްގެ ހިދުމަތްތައް ކަމަށް ރައީސް ކަނޑައެޅުއްވާ ކަންކަން ފިޔަވާ އެހެން ކަންކަން ކުރަން ޖެހޭނީ ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާއަކުން ކަމަށް ވެސް ބިލްގައިވެ އެވެ.

އެ ބިލް ފާސްެ ތަސްދީގުކޮށް އަމަލު ކުރާ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ ބާރުތަކާއި ދޭނެ ހިދުމަތްތައް ރައީސް ކަނޑައަޅުއްވަން ޖެހެ އެވެ. އަދި ކައުންސިލާ ހަވާލު ނުކުރެވޭ ކަންކަމާ ގުޅުން ހުރި ހުރިހާ ޒިންމާތަކާއި ތަކެތި ކަމާ ގުޅޭ ވުޒާރާތަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ބިލްގައިވެ އެވެ.

ސަރުކާރުގެ ފަރާތުން އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅި އިރު، ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އެމްޑީޕީއަށް އޮވެ، އެކަމުގެ ނާޖާއިޒު ފައިދާ ނަގާ މައްސަލައިގައި ސަރުކާރާ ކައުންސިލާ ވަނީ ގުޅުންތައް ގޯސްވެފަ އެވެ. އަދި ކައުންސިލް ހިންގަމުން އައި ބިއްލޫރި ޖެހިގެ އިމާރާތްތާއި އެ ސަރަހައްދު ހުސްކޮށް ކައުންސިލުން ހިންގަން ވަނީ ހުރަވީ ބިލްޑިންގް ދީފަ އެވެ.