ހަބަރު

ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލާކަށް ނޫޅެން: މިނިސްޓަރު

ބޮޑުތަކުރުފާނުގެ ގަބުރުފުޅު އެ މިސްކިތެއްގެ ގޯތި ތެރޭގައި އޮތް ބިހުރޯޒްކަމަނާ މިސްކިތް ތަޅައިލާ އެތަނުގައި 12 ބުރީގެ އިމާރާތެއް އަޅަން އުޅޭ ވާހަކައަކީ ދޮގެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ޕްރޮމޯޓް ކުރާ ޗެނަލް 13ގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ "ސަރުކާރުން ކުއްލިއަކަށް އެފަދަ ކަމެއް ނުކުރާނެ" ކަމަށެވެ.

"އެހެންވީމާ ކުއްލިއަކަށް މިހާރަކު މިސަރުކާރަކުންނެއް އެކަހަލަ އެއްވެސް ކަމެއް ނުކުރާނެ ކަން އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް ޔަގީންކަން ދެން،" ބިހުރޯޒް ކަމަނާ މިސްކިތް ތަޅާލައި އެތަނުގައި 12 ބުރީގެ އިމާރާތެއް އަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ޗެނަލް 13 އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ބިހުރޯޒް ކަމަނާ މިސްކިތް ހުރި ބިމުގައި 12 ބުރީގެ އިމާރާތެއް އަޅަން އަންނަ 2018 ވަނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހިމަނައި، އެ މަޝްރޫއާ ވެސް އެކުގައި ބަޖެޓް ވަނީ ފާސްކޮށްފައެވެ.

ނަމަވެސްް މިނިސްޓަރު ވިދާޅުވީ އެވާހަކައަކީ ރައްޔިތުންނަށް އޮޅުވާލައި ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދަން ދައްކާ ވާހަކައެއް ކަމަށެވެ. ވިދާޅުވީ ބިހުރޯޒްކަމަނާ މިސްކިތުގައި މިހާރު ކުރަމުންްދާ މަސައްކަތަކީ އެމިސްކިތުގެ ގޯތި ތެރެއިން ގަބުރު ފެނިފައި ވާތީ ގަބުރު ނަގައި ސާފު ކުރުމާއި އެތަނުގެ ބޭރު ހިޔާ ކުރުން ކަމަށެވެ.

"މިކަހަލަ ފިތުނައެއް އުފައްދާނެކަމުގެ ޔަގީންކަން އޮތީމައި އަޅުގަނޑުމެން މަސައްކަތް ފެށުމުގެ ކުރީގައި ހުރިހާ މީޑިއާތަކެއްގެ ކުރިމަތީގައި މިވާހަކަ ހިއްސާކޮށްފައި އޮންނާނެ،" މިސްކިތް ތަޅާލައި 12 ބުރީގެ އިމާރާތެއް އަޅާ ވާހަކައަކީ މިހާރު ކުރަމުންދާ މަސައްކަތާ ގުޅުވައިގެން ދައްކާ ވާހަކައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެވާހަައަކީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ލިޔެ އާއްމުކޮށްފައިވާ ވާހަކައެކެވެ.

މީގެކުރިން ސަރުކާރުން ވަނީ ޖަސްޓިސް ބިލްޑިންގުގެ ކައިރީގައި ހުންނަ ޒިޔާރަތް މިސްކިތާއި އަލިވާގެ ކައިރި ހުންނަ ފައިފުހޭ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާފަ އެވެ. ޒިޔާރަތް މިސްކިތާއި، ފައިފުހޭ މިސްކިތަކީ ވަރަށް ޒަމާންވީ ދެ މިސްތެކެވެ. އަދި އެ ދެ މިސްކިތަކީ ޖާގައިގެ ގޮތުން މާ ތަނަވަސް ދެ މިސްކިތެއް ނޫނެވެ. އަދި އެއީ ހިިރިގަލުން ހަދާފައިވާ މިސްކިތްތަކެކެވެ. އެ މިސްކިތްތަކަކީ ތާރީހީ މިސްކިތްތަކެއް ކަމަށްވުމުން އެ ތަންތަން ތާޅާލާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.

ސަލްޓަން ޕާކް ތެރޭގައި ހުރި ކަޅުވަކަރު މިސްކިތް ވެސް ސަރުކާރުން ވަނީ ރޫޅާލާފަ އެވެ. އެއީ ރާއްޖޭގައި ހުރި އެންމެ ތާރީހީ މިސްކިތެވެ. އެ މިސްކިތް ގދ. ތިނަދޫއަށް ގެންދަން ސަރުކާރުން ނިންމާފައިވީ ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ. އަދި އެ މިސްކިތުގެ ބައިތައް މިހާރުވީ ހިސާބެއް ވެސް ނޭނގެ އެވެ.