ހަބަރު

މިނިވަން 50 ފާހަގަ ނުކުރަން ނިންމުމާ ގުޅިގެން އދ ކައުންސިލަށް ފިޔަވަޅު އަޅަނީ

މިނިވަން ދުވަސް ފާހަގަ ކުރަން ހިންގާ ހަރަކާތްތަކުގައި އދ އަތޮޅު ކައުންސިލުން ބައިވެރިނުވުމަށް ފާސްކުރި ނިންމުން އަނބުރާ ގެންގޮސް މާފަށް ނޭދިއްޖެ ނަމަ، އެ ކައުންސިލާ މެދު ފިޔަވަޅު އަޅާނެކަން ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު އެކައުންސިލަށް އަންގަވައިފި އެވެ.

ހޯމް މިނިސްޓްރީ އިން ބުނީ، މިހާރު ނިންމާފައިވާ ނިންމުން އަނބުރާ ގެނެސް ގާނޫނީ އިމުގެ ތެރެއަށް އައުމާ އެކު މާފަށް އެދުމަށް، އެ ކައުންސިލަށް ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ އެންގުމަށް ތަބާ ނުވެއްޖެ ނަމަ، ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

"އެ އިންޒާރު މިހާރު ވަނީ ހޯމް މިނިސްޓަރު އެ ކައުންސިލަށް ދެއްވާފައި،" މިނިސްޓްރީ އިން ބުންޏެވެ.

އދ އަތޮޅު ކައުންސިލްގައި ހިމެނޭ ޖޭޕީ އަދި އެމްޑީޕީގެ މެންބަރުން ގުޅިގެން އިއްޔެ ނިންމާފައި ވަނީ، މިނިވަން 50 ފާހަގަ ކުރުމަށް ބާއްވާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވަނީ، މިނިވަންކަން ފާހަގަ ކުރާނެ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ނުފެންނާތީ އެވެ. އެ ގަރާރު ފާސްކޮށްފައި ވަނީ ވެސް ކައުންސިލްގެ މަސައްކަތްތަކާ ގުޅުން ނެތް ކަންކަމުގައި ބަސް ބުނާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ.