ވިޔަފާރި

އެއާޕޯޓް އަޅަން ކުޅުދުއްފުށިން ހަ ހެކްޓަރުގެ ބިން ހިއްކައިފި

އެއާޕޯޓް އަޅަން ކުޅުދުއްފުށިން ހަ ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާފައިވާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު "އަވަސް" އަށް ވިދާޅުވީ އިއްޔެގެ ނިޔަލަށް ގާތްގަނޑަކަށް ހަ ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ޕްލޭންކުރި ގޮތަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަދި 24 ގަޑިއިރު ހިއްކަން ނުފަށަން. ހަމައެކަނި މިވަގުތު ހިއްކަނީ ދުވާލު އެކަނި. ނަމަވެސް ޕްލޭނާ އެއްގޮތަށް ކުރިއަށްދޭ،" ޒިއަތު ވިދާޅުވި އެވެ.

އެމްޓީސީސީއިން މުޅިން އަލަށް ގެނެސްފައިވާ ބިން ހިއްކާ ބޯޓު، "މަހާޖައްރާފު" އިން ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ސަރުކާރުން މި މަޝްރޫއުން ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. އަދި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 180 ދުވަހުންނެވެ.

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، އެއާޕޯޓް ތަރައްގީ ކުރާނެ ކުންފުންޏެއް ސަރުކާރުން އަދި ނުނިންމަ އެވެ. ނަމަވެސް އެއާޕޯޓް އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައިވެ އެވެ.