ހަބަރު

ލަންކާގައި ދިވެހިން ތިބޭ ބައެއް ގޭގެއަށް ގެއްލުންވެއްޖެ

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ވެއްޖެ އެވެ. ސްރީލަންކާގައި ދިވެހިންގެ 15،000 އަށްވުރެ ގިނަ މީހުން އުޅެ އެވެ

ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު އަވަސް އަށް ވިދާޅުވީ އެ ގައުމުގަައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އެހެން ނަމަވެސް ބައެއް ގޭގެ ފުރާޅުން ޓިނުގަނޑުގަނޑު އެއްލައިލުން ފަދަ ގެއްލުންތައް ލިބިފައިވާ ކަން ހައިކޮމިޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ބާރަށް ވައިި ޖެހުނު ވަގުތު ބައެއްް ގޭގެ ފުރާޅުތަކަށް ގެއްލުންތައް ވަނީ ލިބިފައި. އެކަމަކު ގެއެއްގައި ދިރި ނޫޅެވޭ ވަރުގެ ގެއްލުމެއް ލިބުން ކަމަަށް އަދި މައުލުމާތެއް ނުލިބޭ،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ވިއްސާރައިގައި ސޯސަން ވިލާގެ ގޯތިތެރޭގައިވާ ބައެއް ތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުންތައްވި ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާއަށް ބޯމަތިވި ވިއްސާރަ ކޮޅިގަނޑު މިހާރު އެގައުމުގެ އުތުރަށް ޖެހިފައިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނި ކަމަށެވެ. އެހެންވެ ކޮލަމްބޯއަށް މިހާރު ބޯކޮށް ވާރޭ ވެހުނު ނަމަވެސް ކުރިއަށް ވުރެ ވައި މަޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ތަންކޮޅެއް ވައި މަޑު. އަޅުގަނޑުމެން މިއަންނަނީ ދިވެހިން ދިރިއުޅޭ ގޭގެއަށް ލިބުުނު ގެއްލުންތައް ވަޒަން ކުރަން މަސައްކަތް ކުރަމުން، " އޭނާ ވިދާޅުވި އެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހު އިންޑިއާ ކަނޑުގައި ލަންކާއާ ކައިރި ހިސާބެއްގައި ހުރި ލޯ ޕްރެޝާ ޓްރަފް އިއްޔެ ވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައެވެ. އެކޮޅިގަނޑުގެ ބާރު އަދިވެސް އިތުރަށް ގަދަވާނެ ކަމަށް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގާތްގަނޑަކަށް 60-70 މޭލުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކޮޅިގަނޑުގެ ބާރު ގަދަވާ ވަގުތުތަކުގެ ގަޑިއަކު 70 މޭލާ 80 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ލަންކާގެ ދެކުނު ޕްރޮވިންސަށާއި މެދުތެރޭގެ ޕްރޮވިންސަށާއި އުވަ ޕްރޮވިންސް އަދި ހުޅަނގު ޕްރޮވިންސަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.