ވިޔަފާރި

ބޭރުގެ ދަރަނި ބޮޑުވުމުން ރިޒާވަށް އަސަރު ކުރާނެ: އައިއެމްއެފް

Dec 3, 2017
5

ރާއްޖޭގެ ދަރަނި ބޮޑުވަމުން ދާތީ ރާއްޖޭގެ ރިޒާވަށް އަސަރު ކުރާނެ ކަމަށް ބުނެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައިއެމްއެފްގެ ވަފުދުން، މި އަހަރުގެ ޖުލައި މަހު ރާއްޖެ އަށް ކުރި ޒިޔާރަތުގައި ފާހަގަ ކުރި ކަންތައްތަކުގެ މައްޗަށް ނެރެފައިވާ ފައިނަލް ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ބޭރުގެ ދަރަނި އިތުރުވަމުން އަންނަ މިންވަރު އިންތިހާ އަށް މަތިކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި ދެ އަހަރު ތެރޭގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 11.5 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އުމްރާނީ ބިޔަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާއިރު ހަރަދު ކުޑަކޮށް އަދި ބޭރުގެ ދަރަނި ކުޑަވާނެ ގޮތަށް މަޝްރޫއުތައް ބައްޓަން ކުރުން މުހިންމު ކަމަށް ބުނެފައިވެ އެވެ

ރާއްޖޭގެ އިގްތިސާދު އޮތީ ނާޒުހު ހާލަތެއްގައި ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކުރި އެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް މަޑުމަޑުން ކުރިއަރަމުންދާ ކަމަށާ ޓޫރިޒަމް ވަރުގަދަ ވަމުންދާތީ އޭގެ ފައިދާ އިގްތިސާދަށް ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި އިމާރާތްކުރުމުގެ ދާއިރާގެ ކުރިއެރުން އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވެ އެވެ.

އައިއެމްއެފުން ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ހުންނާނީ، 3.9 ޕަސެންޓްގަ އެވެ.

ބޭރުގެ ދަރަނި މަތިވުމުން ރިޒާވަށް އަސަރު ކުރާނެ ކަމަށް، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވެސް ކުރިން ބުނެފައިވެ އެވެ.

ރާއްޖޭގެ ދަރަނި މަތިވާނެ ކަމަށް އައިއެމްއެފުން ބުނިއިރު އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، މި އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބުނެފައިވެ އެވެ. މީގެ ތެރެއިން ބޭރުގެ ދަރަނި 27.3 ބިލިއަން ރުފިޔާ އަށް އަރާއިރު، އެތެރޭގެ ދަރަނި ހުންނާނީ 21.7 ބިލިއަން ރުފިޔާގައި ކަމަށް ބުނެފައިވެ އެވެ.