ހަބަރު

އައިއެމްއެފް ބުނަނީ ރާއްޖޭގެ އިގުތިސާދު ނާޒުކު ކަމަށް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނެރުނު ރާއްޖޭގެ ކައުންޓްރީ ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭހެ އިގުތިސާދު މިހާރު ކްލެސިފައިކޮށްފައި ވަނީ "ނާޒުކު އިގުތިސާދެއް" ގެ ގޮތުގައި ކަަމަށެވެ. ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މިހާރުން މިހާރަށް ބަލާ ނަމަ ރަނގަޅަަށް އޮތަސް، ދިގު މުއްދަތުގައި ގިނަ ނުރައްކާ ތަކެއް ހުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ އިގުތިސާދަށް ދިގު މުއްދަތުގައި ހުރި އެ ނުރައްކާތަކަކީ އައިއެމްއެފުން ކުރިން ވެސް ފާހަގަކޮށް، އެކަންތައްތަކުން އަރައިގަތުމަށް އަަޅަންވީ ފިޔަވަޅުތައް ކުރިން ނެރުނު ބައެއް ރިޕޯޓްތަކުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ރާއްޖޭން އަޅާފައި ވަނީ އޭގެ ތެރެއިން މަދު ފިޔަވަޅުތަކެކެވެ.

އެހެންވެ، އިގުތިސާދީ ކުރިއެރުމަށް ހުރަސްއަޅާ ގޮތަށް ހުރި ގިނަ ކަންތަތަކެއް ކުރިއަށް ގޮސް، މިހާރު ވަނީ އެފަދަ ކަންތައްތަކުން ކުރާ އަސަރުތައް ކުރިއަށް ވުރެ ބޮޑުވެފަ އެވެ.

ޓުއަރިޒަމުން ލިބޭ އާމްދަނީ ދަށަށް ދިއުން

ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު މަދުވެ، އެކަން އެގޮތުގައި ދެމިގެން ހިނގައްޖެ ނަމަ އިގުތިސާދަށްް ބޮޑު ނުރައްކަލަކަށް އެކަން ވާނެ އެވެ. ހަރަދު ކުޑަކޮށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން އިތުރުވުމާއި އަގު ހެޔޮ ހޮޓާތަކާއި ގެސްޓް ހަައުސްތައް އިތުރުވެ، މީހުން ޗުއްޓީ ހޭދަކުރާ މުއްދަތު ކުރުވުމުން އެ ސިނާއަތުގެ އަގުތައް ދަަށަށް ދާނެއެވެ. އެގޮތަށް ކަންތައް ވުމުން ބައެއް ކުންފުނިތަކަށް ޖެހޭނީ އެމީހުންގެ ވިޔަފާރި ސްކޭލްޑައުން ކޮށްލާށެވެ.

އެކަމުން ކުރިމަތިވާނެ ކަމަކީ ރަނގަޅަށް ގަވަައިދުން ނުދައްކާ ލޯނުތަކުގެ މައްސަލަ ބޭންކްތަކަށް ބޮޑުވުމެވެ. އެހެން ވުމުން ލޯނު ދޫކުރާ މިންވަރުު ބޭނުންކްތަކުން މަދުކުރާނެއެވެ. އޭރުންް އިންވެސްޓްމެންޓްތަކާއި ވަޒީފާ މަދުވާނެއެވެ.

އެހުރިހާ ކަމަކުން ނުކުންނާނެ ނަތީޖާއަކީ އިންޑަސްޓްރީގެ ވާދަވެރިކަން ކުޑަވެ، އެކްސްޗޭންޖް ރޭޓް ދަށް ކުރަން ޖެހުމެވެ. އިންޓަނޭޝަނަލް ރިޒާވް ދަށްކޮށް އޮއްވައި އެގޮތަށް ކަންތައް ވުމުން ބޭރުން ނަގާފައިވާ ދަރަމި މެނޭޖްކުރަން އުނދަގޫވާނެއެވެ.

ދަރަނި ދައްކަން އުނދަގޫވުން

ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ ފަައިސާގެ ތެރެއިން ނުލިބޭ ފައިސާ އިތުރުވުން ފަދަ ސަބަބުތަކާ ހެދި ދަރަނި ބޮޑުވަމުން ދިއުމަކީ އޮތް އެންމެ ބޮޑު ނުރައްކަލެވެ. އެކަމުގެ އެކަށީގެންވާ މިންގަނޑެއްގައި ދަރަނި އަދާކުރުމާއި އާމްދަނީ ހޯދުމުގެ މިންގަނޑު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ހުރަސް އެޅޭނެއެވެ.

ޓޫރިޒަމްގެ ސިނާއަތުގެ ގިނަ އިންވެސްޓްމެންޓްތަކަކަށް ފައިސާ ހޯދަނީ ސަރުކާރުން ދޭ ގެރެންޓީ ބޭނުންކޮށްގެން ކަމަށްވާތީ އެ ސިނާއަތު ދަށަށް ދިއުމުގެ ބުރަ، ސަރުކާރަށް އަންނާނެއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ބޮޑު ހަރަދެއް ހިނގުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބުބުން ލިބޭ ގެއްލުންތަކީވެސް ދަރަނި ކުޑަކުރުމަށް ކުރާ މަސައްކަތަށް ހުރި ހުރަސްތަކެވެ. އަދި ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ސަލާމަތީ ކަންތައްތަކަށް ކުރިމަތިވާ ނުރައްކާތައް ވެސް ވަނީ އިތުރުވެފައެވެ. އެއީ އެކަމުގެ ސަބަބުން އިގުތިސާދަށް ހީނުކުރާ ފަދަ އަސަރުތައް ކުރުވާނެ ކަމަށެވެ.