ހަބަރު

މާލީ ދަތިކަމާ ހެދި ވީމީޑިއާއިން 15 މުވައްްޒަފަކު ވަކިކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމްގެ ވިލާ ގްރޫޕަށް ކުރިމަތިވި މާލީ ދަތިކަމާ ހެދި، ހަރަދު ކުޑަ ކުރުމަށް ވީމީޑިއާއިން 15 މުވައްޒަފަކު ވަކިކޮށް، ބައެއް އައުޓްލެޓްތަކުގެ މަސައްކަތް މަދުކޮށްފިއެވެ.

ވީމީޑިއާގެ ކުޑައިގެ ދަށުން ހިންގަނީ ވީޓީވީއާއި ވީއެފްއެމާއި ' ވީކްލީ' ނަމަކަށް ކިޔާ މަޖައްލާއެކެވެ.

ވީމީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު( ސީއީއޯ) މުހައްމަދު އާސިފް ވިދާޅުވީ 15 މުވައްޒަފުން ވަކިކުރީ ވީމީޑިއާގެ ދަށުން ހިންގާ ހުރިހާ ތަނަކުން ކަަމަށާއި ގިނަ މުވައްޒަފުން ވަކިކުރީ ވީއެފްއެމް އިން ކަމަށެވެ.

" އެހެންވީމާ ވީއެފްއެމްގެ ޕްރޮޑަކްޝަން މިވަގުތަށް ހުއްޓޭނެ. އެކަމަކު ހިދުމަތް މެދެއް ނުކެނޑޭނެ. ދެން ފޮނުވާނީ ކުރިން އުފައްދާފައި ހުރި ޕްރޮގްރާމްތަކާއި ވީޓީވީގެ އަޑު،" އާސިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް ވަކި ކުރަން ޖެހުމަކީ އަމިއްލަފުޅު ހައިސިއްޔަތުން ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަަށެވެ. ނަމަވެސް ކޮންމެ ކުންފުންޏަކަށް ވެސް އަންނަ އުނދަގޫ ވަގުތުތަކުގައި އެފަދަ ފިޔަވަޅު އަޅަން މަޖުބޫރުވާ ހާލަތްތައް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ޖޭޕީގެ ލީޑަރު ގާސިމް އިބުރާހީމަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާ ބޭސްފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު އެތަނުން ޖަރުމަނަށް ވަޑައިގެން މިހާރު ހުންނެވީ ޖަރުމަނުގައެވެ. ގާސިމްގެ ވިލާ ގްރޫޕަށް ދީފައިވާ ބައެއް ރަށްތައް ނެގުމާއި އެނޫންވެސް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.