ހަބަރު

ޗައިނާ އެއްބަސްވުން ވެސް ފެއިލް ކޮށްލާނަން: އެމްޑީޕީ

ޗައިނާއާއި އާއި އެކު ސަރުކާރުން ސޮއިކުރަން އުޅޭ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ވެސް ފ. އަތޮޅު މަޝްރޫއުހެން ނާކާމިޔާބުކޮށްލާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފިއެވެ.

އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝިފާޒް ވިދާޅުވީ ޗައިނާއާ އެކުގައި ސޮއިކުރަން އުޅޭ އެްއްބަސްވުމުގައި ވާ ކަންތައްތައްތަކަށް ބަލާއިރު އެއީ ރާއްޖެ ވިއްކައިލުން ފަދަ ކަމެއް ކަމަށެވެ.

" ... އަޅުގަނޑުމެންނަށް ވަނީ ފ. އަތޮޅު ސަލާމަތް ކުރެވިފައި. ފ. އަތޮޅު ސަލާމަތް ކުރެވުނު ފަދައިން މުޅި ޗައިނާގެ ކިބައިން މިރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭނެ ކަމަށެވެ.

އެފްޓީއޭގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް ހުރިކަމަށް އެމްޑީޕީން ގަބޫލުކުރާ ގިނަ ކަންތައްތަކެއް ޝިފާޒްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން އެ އެއްބަސްވުމުގައި ސޮއިކޮށްފި ނަމަ ޗައިނާ މީހުން ރާއްޖެއަށް ބޭނުން ވަގުތަކު ބޭނުން މުދަލެއް އެތެރެކޮށްގެން ވިޔަފާރިކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ... މީގެ ކުރީގައި މިރާއްޖޭގައި ވިޔަފާރި ތަކަކީ ދިވެހިންގެ ބައިވެރިވުން ނެތިއެއް ކުރެވޭ ވިޔަފާރިތަކެއް ނޫން،" ޝިފާޒް ވިދާަޅުވިއެވެ.

އެއްބަސްވުން ގާއިމް ކުރިޔަ ނުދޭން މަސައްކަތް ކުރާނެ ގޮތް ވެސް އޭނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެގޮތުން އެ އެއްބަސްވުމުގައި ހުރި ގެއްލުންތައް ޖަލްސާތަކުގައި ކިޔައި ދިނުމާއި ޓީވީ ވޗެނަލްތަކުގައި އެވާހަކަ ދެއްކުމާއި އެނޫން ގޮތް ގޮތުން ވެސް ރައްޔިތުންނަށް ކިޔައިދޭނެ ކަމަށް ވިދާޅުވިއެވެ.

ޝިފާޒް ވަނީ އެ އެއްބަސްވުން ގާއިމް ނުކުރަން ޗައިނައަށް ވެސް އިލްތިމާސްކުރައްވާފައެވެ.