ހަބަރު

ވެމްކޯއިން ވިލިމާލޭގައި ކުނި އުކާލައިދޭން ފަށައިިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިލިމާލޭގައި ކުނި އުކާލައިދިނުމުގެ ހިދުމަތް ފަށައިފި އެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވިލިމާލޭގައި އެ ހިދުމަތް ދޭން ފެށިިއިރު އަދި ހަމައެކަނި ކުނި އުކާލައިދެނީ ގޭބިސީތަކުން އެކަންޏެވެ. ވެމްކޯ އިން ބުނީ މިހާތަނަށް 200 ގޭބިސީއަކުން ކުނި އުކާލުމުގެ ހިދުމަތަށް ވިލިމާލެއިން ރަޖިސްްޓްރީވެފައިވާ ކަމަށެވެ. ޖުމްލަ ތިން ޒޯނަކަށް ބަހާލައިގެން ވިލިމާލޭގެ ކުނި އުކާލާއިދިނުމުގައި 17 މުވައްޒަފުން ހަރަކާތްތެރިވެ އެވެ.

ވެމްކޯ އިން ބުނީ ކުނި އުަކާލުމުގެ ހިދުމަތަށް ރަޖިސްޓަރީވާ ނިސްބަތަށް ބަލާފަ މުވައްޒަފުން އިތުރުކުރާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ވިޔަފާރިތަކުންނާއި ބިލްޑިންތަކުން ކުނި ނަގަން ފަށާނެ ކަމަށެވެ.

ކުނި ނެގުމުގެ ހިދުމަތަށް ވިލިމާލެއިން ރަޖިސްޓަރީ ކުރުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 21 އިން 30 އަށް ވިލިމާލޭގެ ޔޫތު ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އޭގެ ފަހުން ވެމްކޯގެ ވިލިމާލެ ސައިޓުންވެސް ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުން އަވަހަށް ހަލާކުވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި ފަދަ ރިސައިކަލް ކުރެވޭ ކުނި ވަކިކޮށްފަ ބަހައްޓަން ވެމްކޯއިން ވަނީ އެދިފަ އެވެ.

ވެމްކޯއިިންދޭ ކުނިނެގުމުގެ ބިލު ފޮނުވާނީ އެސްއެމްއެސް އެއް މެދުވެރިކޮށެެވެ. އަދި ދެ އެސްއެމްއެސް ފޮނުވާނެ ކަމަށެވެ. އެގޮތުން ފޮނުވާނެ އެއް އެސްއެމްއެސް އަކީ ބިލެވެ. އަދި އަނެއް އެސްއެމްއެސްއަކީ ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހަޅާނެ ގޮތް ބަޔާންކޮށްދޭ އެސްްއެމްއެސް އެކެވެ.

ބިލަށް ފައިސާ ބަލައި ގަންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9.00 ހަވީރު 3.00 އަށް އިންޑަސްޓްރިއަލް ވިލެޖް ސައިޓުންނެވެ.