ހަބަރު

ގާސިމްއަށް ކުރިމަތި ނުލެވޭނަމަ، ޖޭޕީގެ ޓިކެޓުގައި ވާދަ ކުރާނަން: އުމަރު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުން ނެރޭ ކެނޑިޑޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ކުރިމަތި ނުލެވިއްޖެ ނަމަ އެ ޕާޓީގެ ފަރާތުން ކުރިމަތިލައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު އިއްޔެ ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އަންނަ ހަފްތާގައި އެ ޕާޓީއަށް ސޮއި ކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.އެކަމާ ބެހޭ ގޮތުން "އަވަސް" އިން މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުމަރު ވިދާޅުވީ އެމަނިކުފާނު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމެވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނެރޭ ކެނޑިޑޭޓަށް ގާސިމް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށާއި އެ ޕާޓީގެ ކަންކަމުގައި އެހީތެރިވުމަށް ކަމަށެވެ.

"ޖުމްހޫރީ ޕާޓީއަކީ އަޅުގަނޑަކަށް އާ ޕާޓީއެއް ނޫން، އަޅުގަނޑު އެ ޕާޓީއާ އެކު މަސައްކަތް ކުރާތާ ވެސް ވަރަށް ދުވަސްވެއްޖެ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިވަގުތު ހުންނެވީ ބޭރުގައި، އެހެންވެ އަޅުގަނޑުމެންގެ އެހީތެރިކަން މިވަގުތު ޕާޓީއަށް ވަރަށް މުހިންމު،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ގާސިމްއަށް ކުރިމަތިލެވޭ ގޮތް ހެދުމުގެ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ، ޖޭޕީގެ ޓިކެޓު ހޯދަައިގެން އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް މަސައްކަތް ފަށާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެކަން ޖޭޕީގެ ލީޑާޝިޕަށް ވެސް އަނގާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"މިފަދަަ ދަނޑިވަޅެއްގައި އަޅުގަނޑު ދެކެނީ ގާސިމް އަށް ކުރިމަަތި ނުލެވިއްޖެ ނަމަ އެ ޕާޓީގެ ފަރާތުން އަޅުގަނޑު ނިކުތުމަކީ އެއީ އަޅުގަނޑޫގެ ޒިންމާއެއް ކަމަށް، އެ ޕާޓީގެ ޓިކެޓު ހޯދައިގެން ކުރިމަތިލެވޭތޯ އަޅުގަނޑު ބަލާނީ،" އުމަރު ވިދާޅުވި އެވެ.

އުމަރު މީގެ ކުރިން ވެސް ވަނީ އިދިކޮޅުން ނެރޭ އިންތިގާލީ ކެނޑިޑޭޓަކަށް އެންމެ ރަނގަޅުވާނީ ގާސިމް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގާނުން އަސާސީގައި މިހާރު އޮންނަ ގޮތުން ގާސިމްއަށް ވާދަ ކުރެވޭނެ ފުރުސަތެއް ނެތެވެ.

އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ފުރަތަމަ ބުރުގައި އުމަރު ތާއީދު ކުރީ ޖޭޕީ އިން އިންތިހާބުގައި ވާދަކުރި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށެވެ.