ހަބަރު

ރައީސްގެ ޗައިނާ ޖަލްސާ ހުށަހަޅައިދިނީ އަވަސްގެ ސީނިއާ ޖާނަލިސްޓް

ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ހަފްލާ ރޭ ޗައިނާގައި ބޭއްވިއިރު، އެ ހަފުލާ ހުށަހަޅައިދީފައިވަނީ އަވަސްގެ ސީނިއާ ޖާނަލިސްޓް އައިމިނަތު އިބްރާހިމް، އައިންތު އެވެ. އޭނާ ބުނާ ގޮތުގައި މިއީ މުޅިން ތަފާތު ތަޖުރިބާ އެކެވެ.

އިއްޔެ ހަވީރު ޗައިނާގެ ވެރިރަށް ބެއިޖިންގެ ލެޖެންޑޭލް ހޮޓެލްގަ އޮތް ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވަޑައިގަތް، ރަސްމީ ހަފުލާ އައިމިނަތު އިބްރާހިމް ހުށަހެޅީ، އެމްބަސީއިން ދިން ފުރުސަތެއްގަ އެވެ. އެ ހަފުލާއަށްފަހު ރައީސް ޔާމީން ވަނީ އައިމިނަތު ހުށަހަޅައިދިނުމަށް ތައުރީފްކޮށް މަރުހަބާ ވެސް ދަންނަވާފަ އެވެ. އެމްބަސީއިން ވެސް ވަނީ އައިމިނަތުގެ މަސައްކަތް ބަލައިގެންފަ އެވެ.

އައިމިނަތު ބުނީ، ރައީސް ބައިވެރިވަޑައިގަންނަވާ ރަސްމީ ބޮޑު ހަފުލާއެއް ބޭރު ގައުމެއްގައި ހުށަހަޅަން ލިބުމަކީ އޭނާ އުއްމީދުކުރަމުން ދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. ބޮޑެތި އޯޑިއެންސްތައް ކުރިމައްޗަށް އެރުމަށް އަބަދުވެސް ފަސްޖެހޭ އައިމިނަތު ބުނީ، މި ފުރުސަތުގެ ސަބަބުން އެ ބިރު ފިލައިގެން ގޮސްފައިވާ ކަމަށެވެ.

އަވަސްގެ އައިމިނަތު އިބްރާހިމް ޗައިނާއަށް ގޮސްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު، މީޑިއާ އެކްސްޗޭންޖް ސްޓަޑީ ޕްރޮގްރާމަކަށެވެ. އެ ޕްރޮގްރާމަކީ ޗައިނާ ޕަބްލިކް ޑިޕްލޮމަސީ އެސޯސިއޭޝަން އޮފް ފޮރިން އެފެއާޒް އޮފް ޗައިނާގެ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ޗައިނާގެ ބަހާއި ސަގާފަތާ ގުޅޭ ގޮތުން ވަނީ އުގަންނައިދީފަ އެވެ. އަދި ނޫސްވެރިކަމާއި ޑިޕްލޮމަސީއާ ގުޅޭ ގޮތުން އެ ޕްރޮގްރާމްގައި ލެކްޗާތައް ވަނީ ދީފަ އެވެ. އައިމިނަތު ވަނީ ޕްރޮގްރާމްގެ ތެރެއިން ޗައިނާގެ 40 އަށްވުރެ ގިނަ ސިޓީތަކަށް ދަތުރުކޮށްފަ އެވެ.

ދިހަ މަހުގެ އެ ޕްރޮގްރާމް މިހާރު އައިމިނަތު ވަނީ ފުރިހަމަކޮށްފަ އެވެ. މި މަހުގެ 14 ވަނަ ދުވަހު އައިމިނަތު އެނބުރި ރާއްޖެ އައިސް އަވަސްގެ މަސައްކަތާ ގުޅޭނެ އެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. އިއްޔެ ހަވީރުގެ ރަސްމީ ހަފުލާއަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ޗައިނާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލު އައްސަވާފަ އެވެ.