ހަބަރު

އިދިކޮޅުން ގިނަ ކެންޑިޑޭޓުން ނުކުމެދާނެ، އެކަމަކު ރައީސް ޔާމީން ބަލިވާނެ: މަހުލޫފް

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތައް ވަކިވަކިން ވާދަކޮށްފާނެ ކަމަށާއި އެހެން ނަމަވެސް ކާމީޔާބީ ބޮޑު ތަނުން ހޯދާނީ އިދިކޮޅުގެ ކެންޑިޑޭޓުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. އެފަދަ ހާލަތެއްގައި ދެވަނަ ބުރަށް ދާނީ އިދިކޮޅުގެ ދެ ކެންޑިޑޭޓުން ކަމަށެވެ.

އަވަށްޓެރި ސްރީލަންކާގައި ހުންނަވާ "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި މަހުލޫފް ވިދާޅުވީ، އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކުރައްވަނީ އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެވޭނެ ގޮތްވުން ކަމަށެވެ. އެކަމަކު، ސިޔާސީ ޕާޓީތަކަކީ ސިޔާސީ މަސައްކަތް ކުރާ ބައެއް ކަމަށާއި އޭގެ އެންމެ މުހިންމު މަސައްކަތަކީ އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބީތައް ހޯދުން ކަމަށެވެ. އެހެންވެ، އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތައް ވަކިވަކިން ވާދަކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ މައްސަލައެއް ވެސް ނޫން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ރައީސް މައުމޫނާއި ރައީސް ނަޝީދަކީ މުޅިން ދެ ހިޔާލެއްގެ ދެ ބޭފުޅުން، ނޯތާއި ސައުތުގަ ތިބެފަ މިހާރު މެދުގަ ތިއްބެވި ދެ ބޭފުޅުން، އޭގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އޮންނާނެ، އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް ސިޔާސީ މަސައްކަތްތަކެއް ކުރަން މި ތިބީ، އޭގެ އެންމެ މުހިންމު ކަމަކީ އިންތިހާބުތަކުގަ ވާދަކުރުން،" މަހުލޫފް ވިދާޅުވި އެވެ. "ވަކިވަކިން އިންތިހާބުގައި ވާދަކުރަން ޕާޓީތައް ނިންމުމަކީ ވަރަށް ލައިކްލީ ކަމެއް، އެކަން ވުމަކީ އެއްވެސް މައްސަލައެއް ވެސް ނޫން، އެފަދަ ހާލަތެއްގަ އޮންނަން ޖެހޭނެ އަންޑަސްޓޭޑިންނަކީ ވަކިވަކިން މިސާލަކަށް ވާދަކުރާނަމަ، ފުރަތަމަ ބުރުން ކާމިޔާބު ނުވެއްޖެނަމަ ދެވަނަ ބުރުގައި އިދިކޮޅުގެ ކެންޑިޑޭޓަށް ތާއިދުކުރާނަމޭ، ތާއިދު ކުރީމަ އެ ނިމުނީ،"

ފުރަތަމަ ބުރުގައި، އިދިކޮޅުގެ ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުމަކީ ރައީސް ޔާމީނަށް އެއްވެސް ފައިދާކުރާނެ ކަމެއް ނޫން ކަމަށް މަހުލޫފް ވިދާޅުވި އެވެ. މިހާރު ލަންކާގައި ދިރިއުޅުއްވަމުންދާ މަހުލޫފް ވިދާޅުވީ، އިދިކޮޅު ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލި ނަމަވެސް ރައީސް ޔާމީނަށް ފުރަތަމަ ބުރުން ލިބޭނެ ވޯޓު އިތުރުވެގެން ނުދާނެ ކަމަށެވެ.

"އެއްކޮށް ކޯލިޝަނެއްގެ ގޮތުގަ އިދިކޮޅުން ގޮސްފިނަމަ ރައީސް ޔާމީނަށް 10 ޕަސެންޓް ލިބޭނީ، އިދިކޮޅު 90 ޕަސެންޓާއެކު އެއް ބުރުން ހޮވޭނެ، އެކަމަކު މިސާލަކަށް އެމްޑީޕީ ވަކިން ވާދަކޮށްފަ، ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫންގެ އެހެން ކެންޑިޑޭޓެއް ހުރެއްޖެނަމަ އެ ކެންޑިޑޭޓެއް ވާދަކޮށްފިނަމަ ވޯޓް ޑިވައިޑްވެގެން ދެވަނަ ބުރަކަށް ދިޔުމުގެ ފުރުސަތު ބޮޑު ވާނީ، އެއަކުން އެއްވެސް ފައިދާއެއް ރައީސް ޔާމީނަށް ނެތް، ދެވަނަ ބުރުގައި ވާދަކުރާނީ ރައީސް ޔާމީނެއް ނޫން، އިދިކޮޅުގަ ތިބި ދެ ކެންޑިޑޭޓުން،" މަހުލޫފް ވިދާޅުވި އެވެ.

ހިޔާލު ތަފާތު ޕާޓީތަކެއް މިހާރު އެކުގައި މަސައްކަތް ކުރި ނަމަވެސް ރިޔާސީ އިންތިހާބަށް ޕާޓީތައް ވަކިން ނުކުތުމަކީ މައްސަލައެއް ނޫން ކަމަށާއި މިހާރު އުފެދިފައިވާ ގުޅުމަށް އެއީ ބުރުލެއް އަރާނެ ކަމެއް ނޫން ކަމަށް ވެސް މަހުލޫފް ފާހަގަކުރެއްވި އެވެ.

މަހްލޫފް ވިދާޅުވީ، މިހާތަނަށް ބޭއްވި އިންތިހާބުތަކުންނާއި އިދިކޮޅު ފަރާތްތައް ރަށްރަށާ ކުރާ ޒިޔާރަތްތަކުން ރައީސް ޔާމީނަށް ތާއިދެއް ނެތްކަން އެނގިގެން ގޮސްފައިވާ ކަމަށާއި، ރައްޔިތުންގެ އެއްވެސް ޝައުގެއް ރައީސް ޔާމީނަށް ނެތް ކަމަށެވެ. ތާއިދު އޮތްކަން ދައްކަން ޖަލްސާތަކަށް މީހުން ގެންދަނީ ވަޒީފާގެ ބިރާއި އެހެން ވެސް މަޖުބޫރުތައް ކޮށްގެން ކަމަށެވެ. އެއީ އަމިއްލަ ނަފުސަށް އޮޅުވާލައިގެން ޕީޕީއެމްއިން ކުރާ ކަމެއް ކަމަށެވެ.

"އެއްލަކިނެއް ނޫން، އެއްވެސް އެއްޗަކުން ރައީސް ޔާމީނަކަށް އެކަމެއް ނުވާނެ، ހަމަ އިންޕޮސިބަލް، ވަރަށް މަސައްކަތް ކުރާނެ އިންތިހާބު އޮޅުވާލަން ވެސް، އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، އޮޅުވާލި ނަމަވެސް އެކަން ހުއްޓުވަން އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަމެއް ކުރާނަން، ކާމިޔާބު ހޯދާނީ އަޅުގަނޑުމެން،" މަހުލޫފް ވިދާޅުވި އެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއްގެ ނަމުގަ އިންތިހާބު ބޭއްވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި އިންތިހާބު މިނިވަންވުމަކީ އިންތިހާބަށް ތައްޔާރުވާން ފެށުނީންސުރެ ހަމަހަމަ ފުރުސަތުތައް ލިބުން ކަމަށް މަހުލޫފް ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅަށް ޖަލްސާއެއް ބާއްވާނެ ފުރުސަތެއް ވެސް ނުލިބޭކަން ފާހަގަކުރެއްވި އެވެ.