ހަބަރު

ޓްރަމްޕްގެ ނިންމުން އަނބުރާ ގެންދޭ: ޕީޕީއެމް

މުސްލިމުންގެ ތިން ވަނަައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެރަށެއްގައިވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެެރިކާއިން ބަލައިގަތުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެ ނިންމުން އަނބުރާ ގެންދެވުމަށް، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޕީޕީއެމްއިން ރޭ ނެރުނު ބަޔާނެގައި ބުނެފައި ވަނީ ތެލްއަވީވްގައި މިހާރު ހުންނަ އެމެރިކާގެ އެމްބަސީ ޖެރޫސިލަމްއަށް ބަދަލު ކުރުމަކީ މުޅި މެދު އިރުމައްޗާއި އިސްލާމީ އުންމަތުގެ ފަހުރެއް ކަމުގައިވާ ފަލަސްތީނުގެ ރައްޔިތުންނާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ދަށު ދަރަޖައިގެ އަގެއް ނެތް ނިކަމެތި ނިންމުމެއް ކަމަށެވެ. އަދި އެކަމުން ސިފަވެގެން ދަނީ ގަސްތުގައި ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށް މުޅި އިސްލާމީ އުންމަތަށް ކެހިދިނުމާއި މުޅި މެދު އިރުމަތީގެ ސުލްހައިގެ ދޮރޯށިތައް ބަންދު ކުރުމަށް ނިންމެވި ނިންމުމެއް ކަމަށް ޕީޕީއެމްއިން ބުންޏެވެ.

"އެމެރިކާ ސަރުކާރުގެ ތާކުންތާކު ނުޖެހޭ މިފިޔަވަޅަކީ ބައިނަލްއަގުވާމީ އެކިއެކި ގާނޫންތަކުން އިންސާނީ އުންމަތަށް ކަށަވަތުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖައްސަވަމުން އުޅުއްވި ނާތަހުޒީބު ފިޔަވަޅެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމެރިކާގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނާއި އިސްރާއީލްއާ ދެމެދު ޒަމާނުއްސުރެ ދެކެމުން އައި ސުލްހައިގެ ވާހަކަތަކުގެ އަސާސް ގެއްލި އިތުރަށް ކުރިޔަށް ގެންދެވިދާނޭ ކަމުގެ އުންމީދު ގެއްލިފައިވާ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ. އެހެންކަމުން އެ ނިންމެވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ނިންމުން އަނބުރާ ގެންދަން ގޮވާލާ ކަމަށް ޕީޕީއެމް އިން ބުންޏެވެ.

ގުދުސަކީ އިޒްރޭލުން 1967 ވަނަ އަހަރު ހިފާފައިވާ ރަށެކެވެ. އެރަށް އެއީ އިޒްރޭލުގެ ތަނެއް ކަމަށް އދ. އިން ވެސް ބަލައެއް ނުގަނެ އެވެ. ނަމަވެސް އިޒްރޭލުން ދަނީ އެރަށުގައި ޔަހޫދީން އާބާދުކޮށް، އެތަނުގައިވާ މުސްލިމުންގެ މުގައްދަސް ތަންތަނަށް ގެއްލުން ދެމުންނެވެ. އެމްބަސީ ގުދުސަށް ބަދަލު ކުރުމަކީ ޓްރަމްޕްގެ ކެމްޕޭން ވައުދެކެވެ.