ދުނިޔެ

ފަލަސްތީނު ރައްޔިތުން ސީދާ ހަރަކާތައް ނިކުންނަން ހަމާސްއިން ގޮވާލައިފި

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބެލުމަކީ ހަނގުރާމަ އިއުލާނު ކުރުން ކަމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ޣައްޒާގައި މިއަދު ކުރެއްވި ތަގުރީރެއްގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވިދާޅުވީ ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލައިގަތުމަކީ ފަލަސްތީނު އިޒްރޭލު ސުލްހައިގެ ކަންތައް މަރައިލުން ކަމަށެވެ.

" އެމެރިކާގެ ނިންމުމަކީ އުދުވާނެއް. އެއީ އަހަރެމެންނާ( މުސްލިމުންނާ) ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުން، ފަލަސްތީނުގެ ބިމުގެ ހިތުގައިވާ މުސްލިމުންނާއި ނަސާރާއިންގެ އެންމެ މުގައްދަސް ތަންތަނާ ދެކޮޅަށް،" ހަނިއްޔާ ވިދާޅުވިއެވެ.


އެމެރިކާގެ ބައެއް އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައި ވަަނީ ގުުދުސްގެ މައްސަލައިގައި ވަކިކޮޅެއް ނެގުމަކީ އެމެރިމާއިން އެތައް އަހަރެއް ވަންދެން ދަމަހައްޓާފައިވާ ހާރިޖީ ސިޔާސަތެއް ބަދަލު ކުރުމެވެ. ގުދުސްގެ މައްސަލައި ގައި އެމެރިކާއިންް ކުރިން ބުނަމުން އައީ އެ މައްސަލަ ނިންމާނީ އިޒްރޭލާއި ފަލަސްތީނު މީހުން ވާހަކަ ދައްކައިގެން ކަމަށެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރަން އެމެރިކާ ސަރުކާރުން މަސައްކަތް ނުކުރުމަށް ބައެއް އަރަބި ގައުމުތަކުން ވަނީ އިންޒާރުދީފަ އެވެެ. އަދި އިސްލާމީ ގިނަ ގައުމުތައް ބައިވެރިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވެސް އިއްޔެގައި ވަނީ އެގޮތަށް ކަންތައް ނުކުރުމަށް އެމެރިކާއަށް އިންޒާރުކޮށްފަ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެކަމާ ދެކޮޅު ހަދާފައި ވަނީ ފްރާންސުންނެވެ.