ދުނިޔެ

ޓްރަމްޕާ ދެކޮޅު މުޒާހަރާގެ ތެރެއިން އިޒްރޭލުން ދެމީހަކު މަރާލައިފި

މުސްލިމުންގެ ތިންވަނަ ހަރަމްފުޅު އެރަށެއްގައިވާ މާތްވެގެންވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމުން އެކަމާ ރުޅިވެރިކަން ފާޅުކުރުމަަށް ނުކުތް ފަލަސްތީނު މީހުންގެ ތެރެއިން ދެމީހެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހައި މަރާލައިފިއެވެ.

ޓްރަމްޕްގެ ނިންމެވުމާ ދެކޮޅަށް މުޅި އަރަބި ދުނިޔޭގައި މިހާރު ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރާ މީހުން ބުނަނީ މެދުއިރުމަތީގެ ސުލްގައިގެ މެދުވެރިއަކަށްް އެމެރިކާއަކަށް ދެން ނުވެވޭނެ ކަމަށެވެ.

އިޒްރޭލުގެ އަނިޔާ އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ޣައްޒާގެ ރައްޔިތުން އިއްޔެ ފާހަގަ ކުރީ " ރުޅިވެރިކަމުގެ ދުވަހުގެ" ގޮތުގައެވެ. އެމީހުން މުޒާހަރާކުރަމުން ދިޔައީ އިޒްރޭލާ ޣައްޒާއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައެވެ. އެ ސަރަހައްދުގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން ވަގުތުން އެކަކު މަރުވިއެވެ. ދެވަނަ މީހާ މަރުވީ ޣައްޒާގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ހަރުކަށި އަމަލުތަކުގެ ސަބަބުން މަރުވި ދެމީހުންގެ އިތުރުން އެތައް ބަަޔަކު ޒަަހަމްވެސް ވިއެވެ.

މީހުން މެރުމަށް ފަހު އިޒްރޭލު ސިފައިން ދައްކާފައި ވަނީ އާއްމުކޮށް އެފަދަ ކަންކަމުގައި ދަައްކާ ބަހަނާއެވެ. އެމީހުން ބުނީ ބަޑި ޖެހީ މުޒާހަރާއަށް ނުުކުތް މީހުން އެމީހުންނާ ދިމާލަށް ގާ އުކުމުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަދުވަހު ވަނީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ބިމެއް ކަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަ ކަން އިއުލާނު ކުރައްވާފައެވެ. މިއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން އެެރަށާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުމެކެވެ.

ޓްރަމްޕް އިއުލާނު ކުރެއްވި އަނެއް ކަމަކީ އިޒްރޭލު އުފެއްދި އިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށްް ފެށި ކަމެވެ. މި ދެކަންތަކަކީ ވެސް އެކަމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އާއްމުންގެ މެދުގައި ބޮޑު ރުޅިވެރިކަމެއް އުފެދޭނެ ކަމެކެވެ.

އެފަދަ ބޮޑާ ނިންމުމާ އެކުގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމަކީ މެދު އިރުމަތީގެ ސުލްހައަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެެއް ކަމަށެވެ.

"..އެގައުމުގެ ވެރިރަށް ކަނޑައެޅުމުގެ ހައްގު މިނިވަން މުސްތަގިއްލު އެހެން ގައުމުތަށް ވެސް އޮންނަ ފަދައިން އެހައްގު އޮންނަ މިނިވަން ދައުލަތެއް އިޒްރޭލަކީ. މިހަގީގަތް ގަބޫލު ކުރުމަކީ ސުލްހަ ހާސިލުކުރުމަށް ޓަކައި ގަބޫލުކުރަން ޖެހޭ މުހިއްމު ޝަރުތެއް،" " ޓްރަމްޕް ހިތާބުގައި ޓްރަމްޕް ވިދާޅުވިއެވެ