ދުނިޔެ

މެދުއިރުމަތީގެ ސުލްހައިގެ މެދުވެރިއެއްގެ ދައުރު ޓްރަމްޕަށް އަދައެއް ނުކުރެވޭނެ: އަރަބިން

މެދު އިރުމަތީގެ ސުލްހައިގެ މެދުވެރިއެއްގެ ދައުރު އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ދެން އަދާ ނުކުރެއްވޭނެ ކަމަށް އަރަބި ގައުމުތަކުން ބުނެފިއެވެ.

މާތްވެގެންވާ ގުުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، އެމެރިކާގެ އެމްބަސީ އެރަށަށް ބަދަލުކުރަން ޓްރަމްޕް ނިންމެވުމުން އަރަބި ލީގުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓްރަމްޕްގެ އެ ނިންމެވުމުގެ ސަބަަބުން އެމެރިކާ މިހާރު އެވަނީ މެދު އިރުމަތީގެ ސުލްހައިގެ މަސައްކަތުން ވަކިވެފައި ކަމަށެވެ. އެކަމުގެ ސަބަބުން ރުޅިވެރިކަން އުފެދި ސަރަހައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި އަރަބި ލީގުގެ 22 ގައުމެއްގެ ފޮރިން މިނިސްޓަރުން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމެރިކާއާ ދެކޮޅަށް ފާސްކުރި ގަރާރަށް އެމެރިކާއާ ވަރަށް ގާތްް ގުޅުން އޮންނަ ގައުމުތަކުން ވެސް ތާއީދު ކުރިއެވެ. އެޮތުން ސައުދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަމް އެެމިރޭޓްސް ( ޔޫއޭއީ) އިން ވެސް ގަރާރަށް ތާއީދު ކުރިއެވެ.

މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ހުންނަ، އަދި ހުރިހާ ގޮތަކުން ވެސް އަރަބީންނަށް މިލްކުވެރިކަން ހައްގުވާ ގުދުސަކީ ޔަހޫދީންގެ ހައްގެއް ކަމަށް ޓްރަމްޕް ވިދާޅުވުމުން ފާސްކުރި ގަރާރުގައި އެމެރިކާއާ ދެކޮޅަށް އަޅަން ކަނޑައަޅާފައި ވަނީ އެންމެ ފިޔަވަކެވެ. އެއީ އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އެމެރިކާގެ ނިންމުން ކުށްވެރި ކުރުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަދުވަހު ވަނީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ބިމެއް ކަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަ ކަން އިއުލާނު ކުރައްވާފައެވެ. މިއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން އެެރަށާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުމެކެވެ.

ޓްރަމްޕް އިއުލާނު ކުރެއްވި އަނެއް ކަމަކީ އިޒްރޭލު އުފެއްދި އިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށްް ފެށި ކަމެވެ. މި ދެކަންތަކަކީ ވެސް އެކަމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އާއްމުންގެ މެދުގައި ބޮޑު ރުޅިވެރިކަމެއް އުފެދޭނެ ކަމެކެވެ.

އެފަދަ ބޮޑާ ނިންމުމާ އެކުގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމަކީ މެދު އިރުމަތީގެ ސުލްހައަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެެއް ކަމަށެވެ.

"..އެގައުމުގެ ވެރިރަށް ކަނޑައެޅުމުގެ ހައްގު މިނިވަން މުސްތަގިއްލު އެހެން ގައުމުތަށް ވެސް އޮންނަ ފަދައިން އެހައްގު އޮންނަ މިނިވަން ދައުލަތެއް އިޒްރޭލަކީ. މިހަގީގަތް ގަބޫލު ކުރުމަކީ ސުލްހަ ހާސިލުކުރުމަށް ޓަކައި ގަބޫލުކުރަން ޖެހޭ މުހިއްމު ޝަރުތެއް،" " ޓްރަމްޕް ހިތާބުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ޣައްޒާަގައި ކުރި މުޒާހަރާގެ ތެެރެއަށް އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ދެމީހުން ވަނީ މަރުވެފައެވެ.