ދުނިޔެ

ހަމްބަންޓޯޓާ ޗައިނާ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފި

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޭން އަވަށްޓެރި ސްރީލަންކާ ސަރުކަރުން ވީ އެއްބަސްވުމާ އެއްގޮތަށް އެ ބަނދަރު ރަސްމީކޮށްް އެކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.

ހަމްބަންޓޯޓާ ބަނދަރު ޗައިނާ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައިވާ ޕާލަމެންޓް ކޮމްޕްލެކްސްގައި އެކަަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް ( ސީއެމްޕޯޓްސް) ހަވާލުކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަަމަސިންހަ ބައިވެރިވެވަޑައިގެންނެވިއެވެ.

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ލަންކާ ސަރުކާރުން ސޮއިކުރީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. އެކަމާ އެންމެ ބޮޑަށް ކަންބޮޑުވީ އެއް ގައުމަކީ އިންޑިއާ އެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް (ސީއެމްޕޯޓްސް) އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެ އެވެ. އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެ ކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ މައިގަނޑު ހިއްސާ، 70 ޕަސެންޓް އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެ ކުންފުންޏަށެވެ.

އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ.