ދުނިޔެ

ގުދުސްގެ ކަވަރޭޖް ކުޑަކުރަން ސައުދީ މީޑިއާތަކަށް އަންގައިފި

ގުދުސަކީ އިޒްރޭަލުގެ ވެރިރަށް ކަަމަށް އެމެރިކާއިން ބަލައިގަތް މައްސަލައަށް މާބޮޑު ކަވަރޭޖެއް ނުދޭން ސައުދީ އަރަބިއްޔާ ސަރުކާރުން އެގައުމުގެ މީޑިއާ ތަކަކަށް އަންގައިފިއެވެ.

އަލް އަރަބީ އަލް ޖަދީދާ ހަވާލާދީ އަލް މޮނިޓާ ނޫހުން ބުނީ ސައުދީ ސަރުކާރުގެ އެ އިރުޝާދު ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ ސްޓޭޝަންތަކުގެ ވެރިންގެ އިތުރުން އޮންލައިން ނޫސްތަކުގެ އެޑިޓަރުންނަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

ގުދުސް މައްސަލައަށް ދޭ ސަމާލުކަން ކުޑަކުރަން މީޑިއާތަކަށް އެންގުމުގެ އިތުރުން ސައުދީން ވަނީ އެ މައްސަލައިގައި އުރުދުންގައި ކުރާ މުޒާހަރާތަކަށް ނުދިއުމަށް ވެސް ރައްޔިތުންނަށް އިރުޝާދު ދީފައެވެ. އުރުދުންގެ ވެރިރަށް އައްމާނުގައިވާ ސައުދީ އެމްބަސީން ޓްވިޓާގައި ދިން އިރުޝާދުގައި ބުނެފައި ވަނީ " އާއްމު އެއްވުންތަކަށާއިި މުޒާހަރާތައް ކުރާ ތަންތަނަށް ނުދިއުމަ"ށެވެ. އަދި ބުނެފައި ވަނީ އެގޮތަށް އިރުޝާދު ދިނީ ރައްޔިތުންގެ ސަލާމަތަށް ޓަކައި ކަމަށެވެެ.

މެދު އިރުމަތީގައި ސައުދީގެ ސިޔާސަތުތައް ތަންފީޒުކުރަން މިހާރު ހަދައިގެން އުޅޭ ނުރަސްމީ އިއްތިހާދުގައި ހިމެމޭ ބަހުރައިނުން އުރުދުންގައި ތިބި އެގައުމުގެެ ރައްޔިތުންނަށް ހަމަ މިފަދަ ގޮތަކަށް އިރުޝާދުދީފައެވެ.

އުރުދުން އަކީ އިޒްރޭލާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމެކެވެ. އެމެރިކާގެ ނިންމުމާ ގުޅިގެން އުރުދުންގެ ވެރިރަށް އައްމާނުގައިވާ އެމެރިކާ އެމްބަސީގެ ބޭރުގައި އިއްޔެގައި ވެސް މުޒާހަރާތައް ކުރިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަދުވަހު ވަނީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ބިމެއް ކަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަ ކަން އިއުލާނު ކުރައްވާފައެވެ. މިއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން އެެރަށާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުމެކެވެ.

ޓްރަމްޕް އިއުލާނު ކުރެއްވި އަނެއް ކަމަކީ އިޒްރޭލު އުފެއްދި އިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށްް ފެށި ކަމެވެ. މި ދެކަންތަކަކީ ވެސް އެކަމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އާއްމުންގެ މެދުގައި ބޮޑު ރުޅިވެރިކަމެއް އުފެދޭނެ ކަމެކެވެ.

އެފަދަ ބޮޑާ ނިންމުމާ އެކުގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމަކީ މެދު އިރުމަތީގެ ސުލްހައަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެެއް ކަމަށެވެ.

"..އެގައުމުގެ ވެރިރަށް ކަނޑައެޅުމުގެ ހައްގު މިނިވަން މުސްތަގިއްލު އެހެން ގައުމުތަށް ވެސް އޮންނަ ފަދައިން އެހައްގު އޮންނަ މިނިވަން ދައުލަތެއް އިޒްރޭލަކީ. މިހަގީގަތް ގަބޫލު ކުރުމަކީ ސުލްހަ ހާސިލުކުރުމަށް ޓަކައި ގަބޫލުކުރަން ޖެހޭ މުހިއްމު ޝަރުތެއް،" " ޓްރަމްޕް ހިތާބުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ޣައްޒާަގައި ކުރި މުޒާހަރާގެ ތެެރެއަށް އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ދެމީހުން ވަނީ މަރުވެފައެވެ.