ދުނިޔެ

އިންޑިއާގައި މިފަހަރު ރޭޕްކޮށް، މަރައިލީ އެންމެ ހަ އަހަރުގެ ކުއްޖެއް

ރޭޕްކުރުމާއި އަނިޔާވެރި ގޮތް ގޮތަށް މީހުން މެރުމުގެ ހާދިސާތަކަށް ހޭނިފަައިވާ އިންޑިއާ މީހުންނަށް ވެސް ސިހުން ލިބޭ ފަދަ އަނިޔާވެރި އަމަލެއް އެގައުމުގައި އަނެއްކާވެސް ހިންގައިފިއެވެ.

އިންޑިއާގެ އުތުރުގައިގާ ހަރްޔާނާ ސްޓޭޓުގެ ހިސާރު ނަމަކަށް ކިޔާ ސަރަހައްދުގައިވާ އުކްލާނާ ނަކަމަށް އަވަށުގައި ހިންގި އެ ޖަަރީމާގައި ރޭޕްކޮށް މަރާލާފައި ވަނީ އުމުރުން އެންމެ ހަ އަހަރުގެ އަންހެން ކުއްޖެކެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ވަގަށް ނަގައިގެން ގެންދިޔަ އެކުއްޖާފުޅުގެ ހަށިގަނޑު ފެނުނީ އިއްޔެގެ ވަގުތެއްގައި ކަމަށް ބީބީސީން ބުންޏެވެ.

ބީބީސީ ހިންދީގެ ނޫސްވެރިޔާ މަނޯކް ޑާކާއާ ހަވާލާދީ އެ އެޖެންސީން ބުނީ ކުއްޖާގެ ހަށިގަނޑު ފެނުނުތާ 24 ގަޑި އިރު ވީ އިރުވެސް އެ އެޖަރީމާގެ ތުހުމަތަށް މީިހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ކުއްޖާގެ މަރާ ބެހޭ ގޮތުން ސުވާލުކުރަން އިންޑިއާ ފުލުހުން ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ތިމާގެ މީހުން ތަކެކެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި ކުއްޖާ ގެއްލުނީ ބައްޕަ ގޭގައި ނެތް ރެއެއްގައެެވެ. ކުއްޖާ ގެއްލުނުކަން މަންމައަށް އެނގުނީވެސް ޖެހިގެން އައި ދުވަހު ހެނދުނު ހޭލުމުން ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

ޖަރީމާ ހިންގި ބަޔަކު ހޯދައި ހައްޔަރު ނުކުރަނީސް ކުއްޖާގެ ހަށިގަނޑު އަންދައި ނުލާނެ ކަމަށް އާއިލާއިން ފުރަތަމަ ބުންޏެވެ. ނަމަވެސް މުޖުރިމުން ހޯދާނެ ކަމުގެ ޔަގީންކަން ފުލުހުން ދިނުމުން ކުއްޖާގެ ޖަނާޒާ މިހާރު ވަނީ ބާއްވާފައެވެ. ކުއްޖާއަށް ކޮށްލާފައިވާ ވަރު ފެނި، ރުޅި އަރައިގެން މަގުތަކަށް ނުކުތް މީހުން ހަރްޔާނާ ފުލުހުންނަށް ވަނީ މުހުލަތެއް ދީފައެވެ. އެމީހުން ބުނެފައި ވަނީ އަންނަ ބުދަދުވަހުގެ 11:00 އާ ހަމައަށް މުޖުރިމުން ނުހޯދިއްޖެ ނަމަ މަގުތަަކަށް ނުކުންނާނެ ކަމަށެވެ.

ފާއިތުވި ހަފުތާގައި ރޭޕްކުރުމުގެ ވަރަށް އަނިޔާވެރި އެހެން ހާދިސާއެއް ވެސް އިންޑިއާގައި ވަނީ ހިނގާފައެވެ. އެހާދިސާގައި ގިނަ ފިރިހެނުންތަކެއް ވެގެން ރޭޕްކޮށްފައި ވަނީ ކެންސަރުބައްޔަށް ފަރުވާހޯދަމުން ދިޔަ ފުރާވަރުގެ އަންހެން ކުއްޖެކެވެ.