ދުނިޔެ

އީޔޫއިން ޓްރަމްޕްގެ ފިޔަވަޅަށް ތަބާވާން އިޒްރޭލުން އުއްމީދުކުރޭ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަަމަށް ބަލަން އެމެރިކާއިން ނިންމި ނިންމުމަަށް ތަބާވެ، ޔޫރަޕިއަން ޔޫނިއަން ( އީޔޫ)ގެ ގައުމުތަކުން ވެސް އެގޮތަށް ކަންތައް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އިޒްރޭލުން ބުނެފިއެވެ.

ޔޫރަޕްގެ ވެެރިންނާ މަޝްވަރާ ކުރެއްވުމަށް ބެލްޖިއަމްގެ ވެރިރަށް ބްރަސުލްސްއަށް ވަޑައިގެން އުޅުއްވަމުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ ޔޫރަޕްގެ ހުރިހާ ގައުމަކުން ވެސް އެގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކުރާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

" އަހަރެން ގަބޫލުކުރަނީ ޔޫރަޕްގެ ހުރިހާ ގައުމަކުން، ނުވަތަ ގިނަ ގައުމުތަކުން އެގައުމުތަކުގެ އެމްބަސީތައް ޖެރޫސަލަމްއަށް ބަދަލުކުރާނެ ކަމަށް. ޖެރޫސަލަމަކީ އަހަރެމެންގެ ވެރިރަށް ކަމަށް ގަބޫލުކޮށް، ސުލްހައާއި ސަލާމަތާއި ކުރިއެރުމަށްޓަކައި އަހަރެމެންނާ ވަރުގަދައަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް،" ބެލްޖިއަމްގައި ހުންނަވައި ނަތަންޔާހޫ ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ބުރްސުލްސް އަކީ އީޔޫގެ މައި މަރުކަޒު ހުންނަ ރަށެވެ.

އީޔޫއިން ވަނީ ނަތަންޔާހޫގެ ވާހަކަފުޅަށް ވަގުތުން ރައްދު ދީފައެވެ. އެ ޖަމާއަތުގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ފެޑްރީސިއާ މޮގެރިނީ ވިދާޅުވީ އެކަމުގައި ޔޫރަޕްގެ ވިސްނުން އޮތީ ކުރިއްސުރެ ހާމަކޮށްފައި ކަމަށެވެ. އެ ގޮތުން އެ ޖަމާއަތުން ގަބޫލު ކުރަނީ ގުދުސް ވާން ޖެހޭނީ ފަލަސްތީނާއި އިޒްރޭލާ ދެގައުމުގެ ވެރިރަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.

" އަހަރެމެން ގަބޫލުކުރަނީ އިޒްރޭލާ ފަލަސްތީނާ ދެމެދު އޮތް ހަމަނުޖެހުމަށް ހަގީގީ ހައްލަކީ ދެ ދައުލަތް އޮވެ، އެ ދެދައުލަތުގެ ވެރިރަށަކީ ގުދުސަށް ވުން ކަމަށް،" މޮގެރިނީ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަދުވަހު ވަނީ މުސްލިމުންނާއި ނަސޯރާއިންގެ ވެސް މުގައްދަސް ބިމެއް ކަމަށްވާ ގުދުސަކީ އިޒްރޭލުގެ ވެރި ރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައި ގަންނަ ކަން އިއުލާނު ކުރައްވާފައެވެ. މިއީ އެމެރިކާއިން އެތައް އަހަރެއް ވަންދެން އެެރަށާ މެދު ގެންގުޅުނު ސިޔާސަތެއް މުޅިން ދޫކޮށްލުމެކެވެ.

ޓްރަމްޕް އިއުލާނު ކުރެއްވި އަނެއް ކަމަކީ އިޒްރޭލު އުފެއްދި އިރު އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅި ތެލްއަވީވްގައިވާ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށްް ފެށި ކަމެވެ. މި ދެކަންތަކަކީ ވެސް އެކަމާ ގުޅިގެން އިސްލާމީ ދުނިޔޭގެ އާއްމުންގެ މެދުގައި ބޮޑު ރުޅިވެރިކަމެއް އުފެދޭނެ ކަމެކެވެ.

އެފަދަ ބޮޑާ ނިންމުމާ އެކުގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ނިންމެވުމަކީ މެދު އިރުމަތީގެ ސުލްހައަށް ކޮންމެހެން އަޅުއްވަން ޖެހޭ ފިޔަވަޅެެއް ކަމަށެވެ.

"..އެގައުމުގެ ވެރިރަށް ކަނޑައެޅުމުގެ ހައްގު މިނިވަން މުސްތަގިއްލު އެހެން ގައުމުތަށް ވެސް އޮންނަ ފަދައިން އެހައްގު އޮންނަ މިނިވަން ދައުލަތެއް އިޒްރޭލަކީ. މިހަގީގަތް ގަބޫލު ކުރުމަކީ ސުލްހަ ހާސިލުކުރުމަށް ޓަކައި ގަބޫލުކުރަން ޖެހޭ މުހިއްމު ޝަރުތެއް،" " ޓްރަމްޕް ހިތާބުގައި ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ޣައްޒާަގައި ކުރި މުޒާހަރާގެ ތެެރެއަށް އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ދެމީހުން ވަނީ މަރުވެފައެވެ.